ޚަބަރު
އަލިފުށީ އެއާޕޯޓުގެ މަސައްކަތް އަލުން ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
ރ އަލިފުށީގައި ބިންހިއްކާ ނިމިފައި ފޮޓޯ: އެމްޓީސީސީ
ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ އެއާޕޯޓުގެ ހުއްޓިފައިވާ މަސައްކަތްތައް އަލުން ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ، ގާތްގަނޑަކަށް 3000 މީހުންގެ އާބާދީއެއް އޮންނަ އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ އެރަށު ރައްޔިތުން ދެކެމުން އަންނަ ޒަމާންވީ ހުވަފެނެކެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ އެއާޕޯޓު ޓާމިނަލްގެ ބޮޑު ބަޔަކާއި ފަޔަރ ބިލްޑިންގުގެ މަސައްކަތްތައް ނިންމާފައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޯޓުގެ ފިނިޝިންގ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މިހާރުވެސް ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ ރޯދަމަހަށްފަހު ޢަމަލީ މަސައްކަތްތައް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ.
މި މަޝްރޫޢުގެ ދަށުން އަލިފުށިން 50.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ ތެރެއިން %80 ބިން އެއާޕޯޓަށް ޚާއްޞަކޮށްފައިވާއިރު، ބާކީ %20 ބިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށާއި އިޤްޞާދީ އެކި މަސައްކަތްތަކަށެވެ.
މަޝްރޫޢުގެ މުހިންމު ތަފްޞީލުތައް:
- ޖުމްލަ އަގު: 426.05 މިލިއަން ރުފިޔާ (ދައުލަތުގެ ބަޖެޓުން)
- ބިން ހިއްކުން: 50.5 ހެކްޓަރު އަދި 2871 މީޓަރުގެ ރިވެޓްމެންޓް
- ރަންވޭ: 1200 މީޓަރުގެ ދިގު ރަންވޭއަކާއި އެޕްރަން އަދި ޓެކްސީވޭ
- އިތުރު ވަސީލަތްތައް: ޓާމިނަލް އިމާރާތް، ފަޔަރ ބިލްޑިންގ، އަލިފާން ނިއްވާ ވަސީލަތްތައް އަދި 655 މީޓަރުގެ ސެކިއުރިޓީ ފެންސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެއާޕޯޓު މަޝްރޫޢާއެކު އެރަށުގައި ސިނާޢީ ސަރަޙައްދެއް ތަރައްޤީކޮށްދެއްވާނެކަން އިޢުލާންކުރައްވާފައެވެ. މީގެ އިތުރުން ޒަމާނީ ވަސީލަތްތަކާއެކު ހޮސްޕިޓަލެއް ބިނާކުރުމާއި، ސްޕޯޓްސް ކޮމްޕްލެކްސް، ކުނި މެނޭޖުކުރާ ފެސިލިޓީ އަދި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ނިމުމުން އަލިފުށީގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.