ދުނިޔެ
އިޒްރޭލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެ ގައުމުގެ ރައްޔިތުންގެ ބޮޑު ތާއީދެއް
އިރާނުން އިޒްރާއިލަށް ދިން ހަމަލާއެއް
އީރާނުން އިޒްރޭލަށް ދެމުންދާ ހަމަލާތައް އިތުރުވަމުންދިޔަ ނަމަވެސް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އިޒްރޭލުގެ އާންމު ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ހާމަވެއްޖެއެވެ. އިޒްރޭލް ޑިމޮކްރަސީ އިންސްޓިޓިއުޓް (އައިޑީއައި) އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އިޒްރޭލުގެ ޔަހޫދީ އާބާދީގެ 93 އިންސައްތަ މީހުން އީރާނަށް ދޭ ހަމަލާތަކަށް ތާއީދު ކުރެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އީރާނުގެ ހަމަލާތަކުގައި ރަސްމީކޮށް 11 އިޒްރޭލު މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އީރާނުގެ ބެލިސްޓިކް މިސައިލްތަކުން އިޒްރޭލުގެ 'އަޔަން ޑޯމް' ދިފާއީ ނިޒާމު ފޫއަޅުވާލާފައިވާ މިންވަރާއި، މަރުވި މީހުންގެ އަސްލު އަދަދު އަދިވެސް ސާފެއް ނުވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ބަސްމަގު ބޭނުންކުރައްވަން ފައްޓަވާފައެވެ. ގުދުސްގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ އީރާނުގެ ރައްޔިތުންނަކީ ޔަހޫދީންގެ ތާރީޚީ ދުޝްމަނެއް ކަމަށްވާ 'އަމަލެކް' އާ އެއްފަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ "އަމަލެކް ތިޔަބައިމީހުންނަށް ކުރި ކަންތައް ހަނދާން ކުރާށެވެ. އަހަރެމެން އެކަން ހަނދާން އެބަހުއްޓެވެ، އަދި އަހަރެމެން އެބަ އަމަލުކުރަމެވެ."
އީރާނުން ބުނަމުންދަނީ އެގައުމުގެ މިސައިލްތަކާއި ޑްރޯންތަކުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، މުހިންމު ބިނާތަކުގެ އިތުރުން ނަތަންޔާހޫގެ އޮފީހަށް ވެސް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އިޒްރޭލު ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ އޭނާގެ އޮފީހަށް ހަމަލާދިން ކަމަށް ބުނާ ވާހަކައަކީ "ފޭކް ނިއުސް" ކަމަށެވެ.
ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ މަދު ބައެއްގެ ތެރޭގައި ހިމެނޭ 19 އަހަރުގެ އެކްޓިވިސްޓް އިތަމާރު ގްރީންބާގް ބުނި ގޮތުގައި، އިޒްރޭލުގެ ތެރޭގައި ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކުމަކީ މިހާރު ނުރައްކާތެރި ކަމެކެވެ. "ހަނގުރާމައާ ދެކޮޅަށް އެއްވެސް މީހަކު ވާހަކައެއް ނުދައްކާ،" އޭނާ ބުންޏެވެ. ގްރީންބާގް އިތުރަށް ކިޔައިދިން ގޮތުގައި ހަނގުރާމައާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، އަނިޔާކޮށް، ގާނޫނާ ޚިލާފަށް އޭނާ ބޯލްޑްކޮށް ފާސްކޮށްފައެވެ.
މި ހަނގުރާމައިގައި ނަތަންޔާހޫއަށް އޮތް ތާއީދު ވެސް ވަނީ 74 އިންސައްތައަށް އުފުލިފައެވެ. މިއީ މީގެ ކުރިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ނަތަންޔާހޫއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.