ވިޔަފާރި / ޚަބަރު

ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި މިންވަރު 20 އިންސައްތަ އިތުރުވެއްޖެ

ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި މިންވަރު 20 އިންސައްތަ އިތުރުވެއްޖެ

މީރާ ޓެކްސް ޕެޔަރ ސަރވިސް ސެންޓަރ ފޮޓޯ:މީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މާރިޗު 2026، 11:50

10 މާރިޗު 2026، 11:50

މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް ޑޮލަރުން ޓެކްސް އާމްދަނީ ލިބުނު ނިސްބަތް، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި ޖުމްލަ 126.85 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު 137.72 މިލިޔަން ޑޮލަރާ އަޅާބަލާއިރު 7.9 އިންސައްތައިގެ ދަށްވުމެކެވެ. ޖުމްލަ ޑޮލަރު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ "ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ" ލިބުނު މިންވަރު މަދުވުމެވެ. އެގޮތުން މިދިޔަ އަހަރު މި ފީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ލިބުނު ނަމަވެސް، މިއަހަރު ލިބިފައިވަނީ 5.9 މިލިޔަން ޑޮލަރެވެ.

ޖުމްލަ ޑޮލަރު އާމްދަނީ ދަށްވި ނަމަވެސް، ޑޮލަރުން ދެއްކި ޓެކްސްގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ޑޮލަރުން 108.9 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު 90.2 މިލިޔަން ޑޮލަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއަށެވެ. ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން 75.2 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 25 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 13 މިލިޔަން ޑޮލަރު އަދި އިންކަމް ޓެކްސްގެ ގޮތުގައި 11.98 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.

މީރާއިން ފާހަގަކުރާ ގޮތުގައި، ޑޮލަރުން ލިބުނު ޓެކްސް އާމްދަނީ އިތުރުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޓެކްސްގެ ގޮތުގައި ލިބޭ ޑޮލަރު އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ހާލަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450