ދުނިޔެ

އީރާނުގެ މިސައިލްތަކެއް ތުރުކީއަށް އަމާޒުވި ކަމަށް ބުނާ މައްސަލަ ބެލުމަށް ޖޮއިންޓް އިންވެސްޓިގޭޝަނަކަށް އީރާނުން ހުށަހަޅައިފި

އީރާނުގެ މިސައިލްތަކެއް ތުރުކީއަށް އަމާޒުވި ކަމަށް ބުނާ މައްސަލަ ބެލުމަށް ޖޮއިންޓް އިންވެސްޓިގޭޝަނަކަށް އީރާނުން ހުށަހަޅައިފި

އީރާނާއި ތުރުކީވިލާތް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މާރިޗު 2026، 12:09

10 މާރިޗު 2026، 12:09

އީރާނުގެ މިސައިލްތަކެއް ތުރުކީގެ ސަރަހައްދަށް އަމާޒުވި ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށްޓަކައި، ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް އެކުލަވާލުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުށަހަޅުއްވައިފިއެވެ.

މި ހުށަހެޅުން ހުށަހެޅުއްވީ ހޯމަ ދުވަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މިސައިލް ހަމަލާތަކާ ގުޅޭގޮތުން ފެތުރިފައިވާ ވާހަކަތައް ސާފުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އުފެދިދާނެ ނުތަނަވަސްކަމެއް ހުއްޓުވުމާ ގުޅޭގޮތުންނެވެ. ރައީސް ޕެޒެޝްކިއާން ވަނީ އެމެރިކާ އާއި އިސްރާއީލުން ތެހެރާނާއި އަންކާރާއާ ދެމެދު ފިތުނަ އުފެއްދުމަށް މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ތުރުކީން ބުނެފައިވާ ގޮތުގައި، މި ހަފްތާގެ ތެރޭގައި އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން އީރާނުގެ ދެވަނަ ބެލިސްޓިކް މިސައިލް، ނޭޓޯގެ އެހީގައި ގާއިމުކޮށްފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ ހުއްޓުވާފައެވެ. ތުރުކީގެ އޮފިޝަލުން ވަނީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިއީ އެއް ހަފްތާ ތެރޭގައި އީރާނުގެ މިސައިލެއް ތުރުކީން ހުއްޓުވި ދެވަނަ ފަހަރެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ އަމާޒަކީ ހަމައެކަނި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތައް ކަމަށާއި، ހަމަލާ ދެނީ އީރާނާ ދެކޮޅަށް ބޭނުންކުރާ ސަރަހައްދުތަކަށް ކަމަށެވެ. އަރަބި ގައުމުތަކުން އެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތައް އީރާނަށް ހަމަލާދޭން ބޭނުންކުރާ ކަމަށް ބުނާ ވާހަކަ ދޮގުކުރި ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (CENTCOM) އިން އާންމުކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން އެފަދަ މަރުކަޒުތައް ބޭނުންކުރާ ކަމުގެ ހެކި ފެންނަން ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފަހަކަށް އައިސް ހިނގާފައިވާ ބައެއް ހާދިސާތަކަކީ އީރާނު ބަދުނާމުކޮށް، އެހެން ގައުމުތައް މި ހަނގުރާމައިގެ ތެރެއަށް ވެއްދުމަށްޓަކައި ރޭވިގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. މިދިޔަ ހަފްތާގައި ސައިޕްރަސްގައި ހުންނަ އިނގިރޭސި ވައިގެ މަރުކަޒަކަށް މިސައިލެއް އެރި ކަމަށް ބުނެ ފެތުރުނު ރިޕޯޓްތަކާ ގުޅިގެން އިނގިރޭސިވިލާތުން ކުރި ތަހުގީގުން އެނގުނު ގޮތުގައި އެއީ އަސްލު މިސައިލެއް ނޫން ކަމަށާއި، އެއީ މިސައިލެއްގެ ރެޕްލިކާއެކެވެ. މިއާއެކު އީރާނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތަކާ މެދު ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450