ދުނިޔެ
ހަނގުރާމައާ ގުޅިގެން ޕާކިސްތާނުން ޚަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި
ޕާކިސްތާނުގެ ޕެޓްރޯލް ވިއްކާ ތަނެއް
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެލާއި ގޭސް ލިބުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ޕާކިސްތާނުން ހަރަދު ކުޑަކުރުމުގެ ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
ހޯމަ ދުވަހުގެރޭ ޤައުމާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ، ތެޔޮ އުފުލާ މައި މަގު ކަމަށްވާ ސްޓްރެއިޓް އޮފް ހޯރްމޫޒްގެ ދަތުރުފަތުރަށް ހުރަސް އެޅުމުގެ ސަބަބުން ޕާކިސްތާނުގެ އިޤުތިޞާދަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު އިޢުލާން ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުން ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމާއި، މާރިޗް 16 އިން ފެށިގެން މި މަހުގެ ނިޔަލަށް ސްކޫލްތައް ބަންދުކުރުން ހިމެނެއެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުންގެ 50 އިންސައްތަ ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާއިރު، ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. ނަމަވެސް ސްކޫލްތަކުގެ އިމްތިހާނުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެއެވެ.
އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށްޓަކައި ސަރުކާރުގެ އިސްވެރިންގެ މުސާރައަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފެޑަރަލް އަދި ޕްރޮވިންޝަލް ކެބިނެޓް މެންބަރުން ކުރިއަށް އޮތް ދެ މަސްދުވަހު މުސާރަ ނުނަގާ ގޮތަށް ނިންމާފައިވާއިރު، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މުސާރައިން 25 އިންސައްތަ އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި ސަރުކާރުގެ ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
އާންމު އިޖުތިމާއީ ހަރަކާތްތަކަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ކައިވެނި ހަފްލާތަކާއި އެހެނިހެން ޕާޓީތަކުގައި ބައިވެރިވެވޭނެ އެންމެ ގިނަ މީހުންގެ އަދަދަކީ 200 ކަމަށް ކަނޑައަޅާފައިވާއިރު، ކެއުމުގައި ބޭނުންކުރެވޭނީ އެންމެ މައި ޑިޝްއެއް ކަމަށް ވަނީ އަންގާފައެވެ. ޕާކިސްތާނަކީ ބޭނުންވާ ތެލުގެ 80 އިންސައްތައަށް ވުރެ ގިނަ ތެޔޮ ބޭރުން އިމްޕޯޓްކުރާ ޤައުމަކަށް ވުމުން، މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލްގެ އަގު މިދިޔަ ހަފްތާއާ އަޅާބަލާއިރު 20 އިންސައްތަ ވަނީ ބޮޑުވެފައެވެ.
މި ފިޔަވަޅުތަކާ ގުޅޭގޮތުން ހަކަތައާ ބެހޭ މާހިރު އާމިރު ޒަފަރު ދުއްރާނީ ވިދާޅުވީ، ކުރު މުއްދަތަކަށް މި ފިޔަވަޅުތަކުން ފައިދާއެއް ކުރި ނަމަވެސް، ތެލަށް އޮތް ބޮޑު ޑިމާންޑަށް މީގެން ހައްލެއް ނުލިބޭނެ ކަމަށެވެ. "ޕާކިސްތާނުގައި ބޭނުންކުރާ ތެލުގެ 80 އިންސައްތައަކީ ދަތުރުފަތުރަށް ބޭނުންކުރާ ތެޔޮ"، ދުއްރާނީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. އޭނާ ލަފާދެއްވީ މަގުމަތިން މުދާ އުފުލުމުގެ ބަދަލުގައި ރޭލު މަގުން މުދާ އުފުލުން ފަދަ ދާއިމީ ހައްލުތަކަކަށް ސަރުކާރުން ވިސްނުމަށެވެ.