ދުނިޔެ
ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ އެކި އެއާލައިންތަކުގެ ޓިކެޓް އަގު ބޮޑުކޮށްފި
އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ އެކި އެއާލައިންތަކުގެ ޓިކެޓް އަގުބޮޑުކޮށްފި
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށްފަހު މެދުއިރުމަތީގެ ޙާލަތު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ބައިނަލްއަޤުވާމީ އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކުރަން ފަށައިފިއެވެ.
އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭޒް، ސްކެންޑިނޭވިއާގެ އެސް.އޭ.އެސް އަދި އެއާ ނިއުޒީލެންޑުން ވަނީ ތެލުގެ އަގަށް އައި ކުއްލި ބަދަލާއެކު ފްލައިޓްތަކުގެ އަގުތައް މަތިކުރިކަން އިއުލާންކޮށްފައެވެ.
އެއާ ނިއުޒީލެންޑުން ހާމަކުރި ގޮތުގައި، ހަމަލާތަކުގެ ކުރިން ފީފާއެއް 85 އާއި 90 ޑޮލަރާ ދެމެދު ހުރި ޖެޓް ފިއުލްގެ އަގު މިހާރު ވަނީ 150 އާއި 200 ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މި ނުތަނަވަސްކަމާ ގުޅިގެން އެ އެއާލައިނުން ވަނީ 2026 ވަނަ އަހަރަށް ލަފާކުރި މާލީ އަމާޒުތައްވެސް މެދުކަނޑާލާފައެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު ތެޔޮ އެކްސްޕޯޓް ރޫޓަށް ބުރޫއަރާފައިވާއިރު، މިއީ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އެސް.އޭ.އެސް އެއާލައިނުން ބުނީ މިހާ ބޮޑު ބަދަލެއް އަގުތަކަށް އައުމުން، އޮޕަރޭޝަންތައް ދެމެހެއްޓުމަށްޓަކައި ޓިކެޓްގެ އަގަށް "ވަގުތީ ބަދަލެއް" ގެނައުން މަޖުބޫރުވެފައިވާ ކަމަށެވެ. ލުފްތަންސާ އަދި ރަޔަން އެއާ ފަދަ ބައެއް އެއާލައިންތަކުން ކުރިން ތެޔޮ ގަނެފައި ހުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އޮތް ނަމަވެސް، ފިން އެއާއިން ވަނީ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ތެޔޮ ލިބުމަށްވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
މެދުއިރުމަތީގެ ވައިގެ ސަރަހައްދު ނުރައްކާތެރިވެފައިވާއިރު، މިސައިލް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށް ދުބާއީއަށް ޖައްސަން ދިޔަ ބައެއް ބޯޓުތައް އިއްޔެ ވަނީ މަތީގައި މަޑުކުރަން ޖެހިފައެވެ. ކުއަންޓަސް އެއާލައިނުން ބުނީ މެދުއިރުމަތީގެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ޔޫރަޕްގެ ބައެއް ރޫޓުތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއާ ނިއުޒީލެންޑުން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުތަކުން 6 ޑޮލަރާއި 53 ޑޮލަރާ ދެމެދުގެ އަދަދެއް ޓިކެޓަކުން ބޮޑުކޮށްފައިވާއިރު، ހޮންކޮންގް އެއާލައިނުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ ފިއުލް ސާޗާޖު 35.2 އިންސައްތައަށް ބޮޑުކުރާނެ ކަމަށް ބުނެފައެވެ.
މި ހާލަތާ ގުޅިގެން ބްރިޓިޝް އެއާވޭޒްގެ ބެލެނިވެރި ކުންފުނި އައި.އޭ.ޖީއިން ބުނީ ކުރިއަށް އޮތް ތަނަށް ބޭނުންވާ ތެޔޮ ކުރިން ކަނޑައެޅިފައިވާ އަގުތަކުގައި ހޯދާފައިވާތީ، ޓިކެޓްގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ. ނަމަވެސް، މަސްރަހު ނުތަނަވަސްވުމުގެ ސަބަބުން އަބޫދާބީއަށް ކުރާ ދަތުރުތައް މި އަހަރުގެ ނިޔަލަށް އެ އެއާލައިނުން ވަނީ މެދުކަނޑާލާފައެވެ.