ޚަބަރު
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ތާއީދުކުރާކަން ހާމަކޮށްފި
އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު---
ފަރުދުން
11 މާރިޗު 2026، 12:06
11 މާރިޗު 2026، 12:06
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލިއެންސް (އެމްޑީއޭ)އިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އެއީ ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި ޤައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް އެ ޕާޓިން ދެކޭ ކަމަށެވެ.
އަދި މި ބަދަލުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ފަސޭހަވެގެންދާނެ ކަމަށާއި، އެއީ ޤައުމުގެ ކުރިމަގަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް އެ ޕާޓީއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރަށް މަރުޚަބާ ކިޔަމުން އެމްޑީއޭއިން ބުނީ، އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށެވެ.
އެމްޑީއޭއިން ބުނީ، އެ ޕާޓީގެ ރައީސް ޝިޔާމްއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރަން ބޭނުންވާ ޒިންމާދާރު ސިޔާސަތުތަކާއެކު ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީ އާއި ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރެއެވެ. އެކަމާއި ދެކޮޅީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުاللهގެ ޕީއެންއެފްއެވެ.