ދުނިޔެ
"އެޕްސްޓައިންގެ ޝިކާރައަކަށްވީ މީހުންގެ ހަނދާނުގައި", އީރާނުގެ މިސައިލެއްގައި ލިޔެފައިވާ މެސެޖެއްގެ ފޮޓޯ އާންމުވެއްޖެ
އީރާނުގެ މިސައިލެއް
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯއެއްގައި، އީރާނުގެ މިސައިލެއްގައި "އެޕްސްޓައިންގެ ޝިކާރައަކަށްވީ މީހުންގެ ހަނދާނުގައި" މިހެން ލިޔެފައިވާ މަންޒަރު ފެނިގެން ހިނގައްޖެއެވެ.
މި ލިޔުމަކީ ދުނިޔޭގެ ނުފޫޒުގަދަ އިސްވެރިންތަކަކާއެކު އިންސާނީ ވަގުފާރިއާއި ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓައިންގެ މައްސަލައަށް އިޝާރާތްކޮށް ލިޔެފައިވާ މެސެޖެކެވެ. އެޕްސްޓައިންގެ އަމިއްލަ ރަށުގައި ހިނގާފައިވާ ބޮޑެތި ޖަރީމާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ އަދި ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ މައްސަލައެކެވެ.
މި ފޮޓޯ އާންމުވެފައިވަނީ މެދުއިރުމަތީގެ މަޝްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިންވެސް ހަނގުރާމަވެރި ހާލަތްތަކުގައި އެކި ގައުމުތަކުން މިސައިލާއި ބޮން ފަދަ ހަތިޔާރުތަކުގައި ތަފާތު މެސެޖުތައް ލިޔެ އުޅެއެވެ. ނަމަވެސް، އެޕްސްޓައިންގެ ވިއުގައަށް އަމާޒުކޮށް އީރާނުގެ މިސައިލެއްގައި މިފަދަ ލިޔުމެއް ފެނުމަކީ ސިޔާސީ ގޮތުން ފުން މާނައެއް އެކުލެވޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.