ޚަބަރު
ތިލަފުށީ ވިޔަފާރި ބަނދަރުގެ ޑީޓެއިލް ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި
ތިލަފުށީގައި ކޮންޓެއިނަރ ޑެޕޯ ތަރައްޤީކުރާ ސަރަހައްދު ފޮޓޯ: އެމްޕީއެލް
މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، އެ ބަނދަރުގެ ޓަރމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާނުކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ އިޤްތިޞާދީ އެންމެ ބޮޑު އެއް މަޝްރޫޢެވެ. 40 އަހަރުވީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށް ކުރީ ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، މި ސަރުކާރުން ނިންމާފައިވަނީ ސިނާޢީ މަސައްކަތްތަކަށް ޚާއްޞަ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށެވެ. މި ބަދަލާއެކު އަލަށް ތަރައްޤީކުރާ ބަނދަރުގެ ޖާގަ މިހާރަށްވުރެ 4 ގުނަ އިތުރުވެގެންދާނެއެވެ.
މި މަޝްރޫޢުގެ ފޭސް 1ގެ ބައެއް މަސައްކަތްތައް މިދިޔަ މަހު ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވާއިރު، މިހާރު އިޢުލާނުކޮށްފައިވަނީ "ލޯކަލް ހަރބަރ ރިލީފް ޕްރޮޖެކްޓް"ގެ ދަށުން ބަނދަރަށް ބޭނުންވާ މުހިންމު ފެސިލިޓީތަކުގެ ޑިޒައިންތައް ތައްޔާރުކުރުމަށެވެ. މީގެ ތެރޭގައި ހިމެނެނީ:
- ޕޯޓުގެ މައި ޓަރމިނަލާއި ކޮންޓެއިނަރ ޔަރޑް އަދި ސްޓޯރޭޖް އޭރިއާ
- އިދާރީ އޮފީސް އިމާރާތާއި ކޮންޓްރޯލް ޓަވަރު
- ގޭޓް ކޮމްޕްލެކްސް އާއި ވޯކްޝޮޕް އަދި މެއިންޓަނަންސް ފެސިލިޓީތައް
- ސްޓާފް ސަޕޯޓް ފެސިލިޓީތައް
މީގެ އިތުރުން، އިމާރާތްތަކުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ޑިޒައިންތަކުގެ އިތުރުން، މަގުތަކާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންތައްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މިކަމަށް ޝައުޤުވެރިވާ ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ފަރުމާކުރާ މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާފަންނު ބަނދަރު ސަރަޙައްދު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެ ކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު، މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓުތައް 48 ގަޑިއިރު ތެރޭގައި ހުސްކުރެވި، މުދާ ގެނައުމަށް ހިނގާ ޚަރަދު ކުޑަވެގެންދާނެއެވެ. މީގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގު ހެޔޮވެ، އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.