ދުނިޔެ
އިޒްރޭލާއި އީރާނުގެ ހަނގުރާމައާ ގުޅިގެން ބޯޑަރުތައް ބަންދުވުމުން ޣައްޒާގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ
ޣައްޒާ ބޯޑަރު ސަރަޙައްދު
އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ސަރަހައްދީ ހަނގުރާމައިގެ ސަބަބުން، ޣައްޒާއަށް މުދާ އެތެރެކުރާ ބޯޑަރުތައް ބަންދުވުމާ ގުޅިގެން އެ ސަރަހައްދުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ބާޒާރުން ތަކެތި ހުސްވާން ފަށައިފިއެވެ.
އެމެރިކާ އާއި އިޒްރޭލް އަދި އީރާނު ހިމެނޭ މި ހަނގުރާމައިގެ ސަބަބުން، އެހީއަށް ބަރޯސާވެފައިވާ ޢައްޒާގެ ރައްޔިތުންނަށް ވަނީ އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާގެ ރައްޔިތުންނާއި ވިޔަފާރިވެރިން ބުނާ ގޮތުގައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން، މީގެ މަހެއްހާ ދުވަސް ކުރިން 1.50 ޑޮލަރަށް ލިބުނު ކިލޯއެއްގެ ޓޮމާޓޯ މިހާރު 4 ޑޮލަރަށް ވަނީ އަރާފައެވެ. މީގެ އިތުރުން ކެރެޓާއި އަލުވި ފަދަ ތަރުކާރީގެ ބާވަތްތަކުގެ އަގުވެސް ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ. "އިޒްރޭލާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، މީހުންނަށް މިހާރު ތަރުކާރީ އާއި މޭވާ ގަނެވޭނެ ތަނަވަސްކަމެއް ނެތް،" ބާޒާރަށް ދިޔަ މީހަކު އަލްޖަޒީރާއަށް ކިޔައިދިނެވެ.
ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، ޢައްޒާއަށް އެތެރެކުރާ މުދާ މަދުވުމުގެ ސަބަބުން ކައްކާ ތެލާއި، ފުށާއި، ދަޅުކާނާ ފަދަ ޒަރޫރީ ތަކެތި މިހާރު ވަނީ ބައެއް ފިހާރަތަކުން މުޅިން ހުސްވެފައެވެ. އދ. ގެ އިންސާނީ އެހީއާ ބެހޭ އިދާރާ (OCHA) އިން ބުނި ގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަކީ ކާބޯތަކެތީގެ އިތުރުން އެހެނިހެން މުދަލުގެ އަގުވެސް އުފުލެން މެދުވެރިވި ސަބަބެކެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް (WFP) އިން ހާމަކުރި ގޮތުގައި، ފެބްރުއަރީ މަހުގެ ތެރޭގައި ކާބޯތަކެތި ލިބުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނުނު ނަމަވެސް، ފަހުން ކުރިމަތިވި ބޯޑަރު ބަންދުވުންތަކުގެ ސަބަބުން އެ ހާލަތު ވަނީ އަނބުރާ ގޯސްވެފައެވެ. ބައެއް ބޯޑަރުތައް މިހާރު އަލުން ހުޅުވާފައިވީ ނަމަވެސް، ތަކެތީގެ އަގުތައް އަދިވެސް ހުރީ ވަރަށް މަތީގައެވެ.
މީގެ އިތުރުން، ތެލުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ކުނި އުކާލުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރާފައެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައިވެސް މިހާރު މަސައްކަތް ކުރަމުންދަނީ ކުއްލި ހާލަތުގެ އިމަޖެންސީ ޕްލޭންތަކުގެ ދަށުންނެވެ. ޢައްޒާގެ ކާބޯތަކެތީގެ ރައްކާތެރިކަން މިހާރު ވަނީ ނާޒުކު ފައްތަރެއްގައެވެ.