Ads by PNC

ޚަބަރު

‏ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު އެޤައުމުގެ ރައީސަށް އަރުވައިފި

‏ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު އެޤައުމުގެ ރައީސަށް އަރުވައިފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

11 މާރިޗު 2026، 01:11

ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑަރ ވޭން ޑަރ ބެލެން އަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ސަލްމާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އޮސްޓްރިއާގެ ފެޑެރަލް ރައީސަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މީގެ އިތުރުން، އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި އޮސްޓްރިއާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ނަޒަރުހިންގަވައި، އިޤުތިޞާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުން ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ހަމަ އެހެންމެ، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ އަރުވާފައެވެ.

މި ދަތުރުފުޅުގައި ސަފީރު ޑރ. ސަލްމާ ވަނީ، އޮސްޓްރިއާގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި އޮސްޓްރިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާޙީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޑރ. ސަލްމާ އަކީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ އިތުރުން ސްވިސް ކޮންފެޑެރޭޝަން އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450