ދުނިޔެ
އެމެރިކާގެ ނިއުކްލިއާ ބޯޓުތައް ބަހައްޓާ މަރުކަޒެއްގެ ކައިރިން ގޮތްނޭގޭ ޑްރޯންއެއް ފެނިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
އެމެރިކާގެ ލޫއިޒިއާނާގައި ހުންނަ ބާކްސްޑޭލް އެއާފޯސް ބޭސް
އެމެރިކާގެ ލޫއިޒިއާނާގައި ހުންނަ ބާކްސްޑޭލް އެއާފޯސް ބޭސް ކައިރިން ގޮތްނޭނގޭ ޑްރޯންއެއް ފެނުމާ ގުޅިގެން، އެ މަރުކަޒުގެ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ވަރުގަދަކޮށް، އެލާޓް ނެރެފިއެވެ. ބާކްސްޑޭލް އެއާފޯސް ބޭސްއަކީ އެމެރިކާގެ އެންމެ ޒަމާނީ އަދި ނުރައްކާތެރި ބޮންއަޅާ ބޯޓުތައް ބަހައްޓާ މަރުކަޒެވެ.
މި ހާދިސާއާ ގުޅިގެން، ބާކްސްޑޭލް އެއާފޯސް ބޭސްގެ ސަލާމަތީ ދަރަޖަ މިހާރު ވަނީ "ޗާލީ ފޯސް ޕްރޮޓެކްޝަން ކޮންޑިޝަން" އަށް މަތިކޮށްފައެވެ. މިއީ އެމެރިކާގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ބާކްސްޑޭލް އެއާފޯސް ބޭސްއަކީ ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ނިއުކްލިއާ އަދި އާދައިގެ ބޮން އެޅުމުގެ ގާބިލުކަން ލިބިފައިވާ "ބީ-52 ސްޓްރެޓޯފޯޓްރެސް" މަރުކާގެ ބޯޓުތައް ބަހައްޓާ މަރުކަޒެވެ. މި ބޯޓުތަކަކީ ތެޔޮ ނާޅާ 8،800 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، އަދި 70،000 ޕައުންޑުގެ ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ހުރި ބޯޓުތަކެކެވެ.
ފެނުނު ޑްރޯންއަކީ ކޮން ބައެއްގެ އެއްޗެއްކަން ނުވަތަ އެ ދުއްވި މީހަކީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. އަދި އެ ޑްރޯން ހިފަހައްޓާފައިވާ ކަމެއްވެސް ސާފެއް ނޫނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަސްކަރީ މަރުކަޒުތަކުގެ މަތިން ޑްރޯން ދުއްވުމަކީ ފެޑަރަލް ކުށެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ހަރުކަށި އަދަބު ލިބޭނެ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަނަކަށްފަހު މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން މީގެ ކުރިންވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން އާއި މިސައިލް ހަމަލާ ދީފައިވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ކިތަންމެ ކުޑަ ޑްރޯންއެއް ނަމަވެސް، އެއީ އެމެރިކާގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުގައި ހުރި ބަލިކަށި ދަނޑިވަޅުތައް ދެނެގަތުމަށް ބޭނުންކުރާ ވަސީލަތަކަށް ވެދާނެއެވެ.
އަސްކަރީ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މި ހާދިސާއަކީ އަބަދުވެސް ސަމާލުވެ ތިބެންޖެހޭނެ ކަމުގެ ހަނދާންކޮށްދިނުމެކެވެ. "އަގުހެޔޮ ކުދި ޑްރޯންތަކުންވެސް އެންމެ ޒަމާނީ ދިފާއީ ނިޒާމުތަކަށް ގޮންޖެހުންތައް ކުރިމަތިކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އެއާފޯސް އިން މިހާރު ދަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެގައުމުގެ މުހިންމު އަސްކަރީ މަރުކަޒުތަކުގެ ވަށައިގެންވާ ވައިގެ ސަރަހައްދުތައް މުރާޖައާ ކުރަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ ވައިގެ ތެރެއިން ފެންނަ ކޮންމެ އާދަޔާ ހިލާފު ކަމެއް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ. އަދި އެމެރިކާގެ ސްޓްރެޓީޖިކް ބޮންއަޅާ ބޯޓުތައް ރައްކާތެރިކުރުމަށްޓަކައި އޮފިޝަލުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.