ޚަބަރު
އެއަރޕޯޓުން ޑޮލަރު ފޭރުނު މައްސަލަ: 8 މީހެއްގެ މައްޗަށް ދަޢުވާ ކުރަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފޮޓޯ: ސަން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލާގައި 8 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ދައުވާތައް ހުށަހަޅާފައިވަނީ ފެބްރުވަރީ މަހުގެ 8 އަދި 26 ވަނަ ދުވަހުއެވެ.
ދަޢުވާ އުފުލާފައިވާ މައިގަނޑު ފަރާތްތައް
މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފައެވެ. އެއީ ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު އާއި ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް އެވެ. މާހިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އަދި އަފްޒަލްގެ މައްޗަށް ފޭރުމުގެ ދައުވާގެ އިތުރުން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލާފައެވެ.
ފޭރުމުގައި ބައިވެރިވި އެހެން މީހުން
މި ޢަމަލު ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިވެ ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު 6 މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ:
1. ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި)
2. ޙުސައިން ޝަހުދު (ކ. ގުރައިދޫ)
3. މާޒިން މޫސާ (ލ. މާވައް)
4. އަޙްމަދު ރައިހާން ނަޢީމް (މ. ކޯރަސް)
5. އިބްރާހީމް އަނޫފް (ކ. ގުރައިދޫ)
6. އިސްމާޢީލް ސިރްހާން (ރ. މަޑުއްވަރި)
މި ފޭރުމުގެ އަމަލު ހިނގާފައިވަނީ 27 އޮކްޓޫބަރު 2025 ދުވަހުގެ ފަތިހު 4:15 ހާއިރުއެވެ. ބީއެމްއެލްގެ ދެ މުވައްޒަފަކު އެއާޕޯޓުގެ އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، ވަޅިން ބިރުދެއްކުމަށްފަހު އެމީހުންގެ އަތުގައި އޮތް ފައިސާ ސޫޓްކޭސް ވަނީ ފޭރިގަނެފައެވެ. އެ ސޫޓްކޭހުގައި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި ފޭރިގަތް ފައިސާގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯއާއި، 334,000 ޖަޕަނީސް ޔެންގެ އިތުރުން އިނގިރޭސި ޕައުންޑް، ސިންގަޕޯރ ޑޮލަރު، އޮސްޓްރޭލިއަން ޑޮލަރު އަދި ދިވެހި ރުފިޔާ ހިމެނެއެވެ.
ޕީޖީ އޮފީހުން އިތުރަށް ވިދާޅުވީ، މި ޖިނާއީ ދައުވާތަކުގެ އިތުރުން، މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.