ދުނިޔެ
އީރާނަށް ދެމުންދާ ހަމަލާތަކާއި ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން ސްޕެއިންގެ ސަފީރު އަނބުރާ ގެންގޮސްފި
އިޒްރާއިލުގައި ހުރި ސްޕެއިންގެ ސަފީރު އަނބުރާ ގެންދިޔުން
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުންނާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުންދާ އިންޒާރުތަކާ ގުޅިގެން އިޒްރޭލުގައި ހުންނަވާ ސްޕެއިންގެ ސަފީރު އަނބުރާ ގެންނަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ބުދަ ދުވަހު ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި، ތަލް އަބީބުގައި ހުންނަ ސްޕެއިންގެ އެމްބަސީ ދެން ހިންގާނީ ޗާޖް ޑި އެފެއާޒްއެއްގެ ދަށުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސްޕެއިންއާ އެކު އޮންނަ ހުރިހާ ވިޔަފާރީގެ ގުޅުންތަކެއް ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕް މި އިންޒާރު ދެއްވީ އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ސްޕެއިންއިން ނުދިނުމާ ގުޅިގެންނެވެ. "ސްޕެއިންގެ އަމަލުތައް ވަރަށް ގޯސް،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އަދި ސްޕެއިންއާ އެކު އެއްވެސް މުއާމަލާތެއް ކުރަން ބޭނުންނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ، ސްޕެއިންގެ އޮތީ "ހަނގުރާމައަށް ނޫނެކޭ" ބުނުމުގެ ސިޔާސަތެއް ކަމަށެވެ. އީރާނަށް ދެމުންދާ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އިންސާނީ ބޮޑެތި ކާރިސާތައް ފެށިގެންދާ ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަންޗޭޒް އަކީ ޔޫރަޕްގެ ލީޑަރުންގެ ތެރެއިން އެމެރިކާ-އިޒްރޭލުގެ މި ހަމަލާތައް ކުށްވެރިކުރެއްވި މަދު ލީޑަރުންގެ ތެރެއިން އެކެކެވެ.
މީގެ އިތުރުން، ނޭޓޯގެ ހަރަދުތައް އިތުރުކުރުމަށް ޓްރަމްޕް ކުރެއްވި ޑިމާންޑަށްވެސް ސްޕެއިންއިން ވަނީ ދެކޮޅު ހަދާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ސްޕެއިންއަކީ އެމެރިކާއަށް ބޭނުންތެރި އެއްވެސް އެއްޗެއް އޮތް ގައުމެއް ނޫނެވެ. ނަމަވެސް ސްޕެއިންގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެމެރިކާއާ އެކު އޮންނަ ގުޅުން އާންމު ހާލަތެއްގައި ކުރިއަށްދާ ކަމަށެވެ.
ސްޕެއިންއަކީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ޔޫރަޕްގައި އެންމެ ބާރަށް އަޑުއުފުލަމުންދާ ގައުމެވެ. އިޒްރޭލަށް ހަތިޔާރު އުފުލާ އުޅަނދުފަހަރު ސްޕެއިންގެ ބަނދަރުތަކަށް ކައިރިކުރުން މަނާކޮށްފައިވާއިރު، 2024 ވަނަ އަހަރު ސްޕެއިންއިން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައެވެ.