ދުނިޔެ

އީރާނުގެ ޚާރްޖު އައިލެންޑް ހިފުމަށް އެމެރިކާއާއި އިސްރާއީލުން ރާވަމުންދާކަމަށް ރިޕޯޓުތައް ބުނެފި

އީރާނުގެ ޚާރްޖު އައިލެންޑް ހިފުމަށް އެމެރިކާއާއި އިސްރާއީލުން ރާވަމުންދާކަމަށް ރިޕޯޓުތައް ބުނެފި

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖު އައިލެންޑް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މާރިޗު 2026، 12:15

12 މާރިޗު 2026، 12:15

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖު އައިލެންޑް އެމެރިކާއާއި އިސްރާއީލް ގުޅިގެން ހިފުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި ރޭވުމަކީ ގަލްފް ސަރަހައްދުގައި އެމެރިކާގެ ބާރު ދެއްކުމަށާއި އީރާނަށް އަދަބު ދިނުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްސިއޯސް (Axios) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާރްޖު އައިލެންޑް ހިފުމާ ބެހޭގޮތުން އެމެރިކާއާއި އިސްރާއީލުން މިދިޔަ ހަފްތާގައި ވަނީ މަޝްވަރާތަކެއް ބާއްވާފައެވެ. ވައިޓް ހައުސްގެ އެޑްވައިޒަރެއް ކަމަށްވާ ޖެރޮޑް އޭޖެން ވިދާޅުވީ، އީރާނުން ހޯމްޒް ކަނޑުއޮޅި ބަންދުކޮށްފާނެތީ އެމެރިކާއިން ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި، އީރާނުގެ އަތްދަށުގައި ހުރި ހުރިހާ ތެލެއް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ.

ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައި އޭޖެން ވިދާޅުވީ، "އަހަރެމެން ބޭނުންވަނީ އީރާނުގައި ހުރި ބޮޑެތި ތެޔޮ ރިޒާވްތައް ޓެރަރިސްޓުންގެ އަތްދަށުން ނެގުމަށް" ކަމަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ ހޯމްޒް ކަނޑުއޮޅިންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މި މަގު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

ބްލޫމްބާގް ރިޕޯޓްތައް ބުނާގޮތުން، ހަމަލާތައް ފެށުނުތާ ހަފްތާއެއް ފަހުންވެސް އީރާނުން ދިޔައީ ޚާރްޖު އައިލެންޑުން ތެޔޮ ބަރުކުރަމުންނެވެ. ނަމަވެސް މިހާރު އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްދާ މިންވަރެއް ސާފެއް ނޫނެވެ. އީރާނުން ބޭރުކުރާ ތެލުގެ 90 އިންސައްތަ ހިއްސާކުރަނީ މި ރަށުންނެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 950 މިލިއަން ފީފާ ތެޔޮ ބޭރުކުރާ މަރުކަޒެކެވެ.

މި ރޭވުމަކީ މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިން 1988 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅުންހުރި ކަމެކެވެ. އެ ފަހަރު ދަ ގާޑިއަންއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަރެމެންގެ އެންމެ މީހަކަށް ނުވަތަ އުޅަނދަކަށް ހަމަލާއެއް ދީފިނަމަ، އަހަރެން ޚާރްޖު އައިލެންޑަށް އަރައި އެތަން ހިފާނަން" ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ދުނިޔެއަށް އެންމެ ރަނގަޅު ގޮތް ކަމަށްވެސް އޭނާ އޭރު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ މި ހަމަލާތަކުގެ ސަބަބުން 1970 ގެ އަހަރުތަކަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަކަތައިގެ ކްރައިސިސް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 10,000 އަށްވުރެ ގިނަ އާންމު ތަންތަނަށް ހަމަލާދީ، 1,300 އަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450