Ads by PNC

ޚަބަރު

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ރެއިންބޯއާ ހަވާލުކޮށް އަމަލީ މަސައްކަތް ފަށަނީ

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ރެއިންބޯއާ ހަވާލުކޮށް އަމަލީ މަސައްކަތް ފަށަނީ

ކުޅުދުއްފުށީގައި އަޅަން ފަށާފަ ހުއްޓިފައިވާ ގޯތިތައް ފޮޓޯ:ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 11:12

12 މާރިޗު 2026، 11:12

ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަލުން ފެށުމަށްޓަކައި، އެ މަޝްރޫޢު ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށް، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީގައި 11 ފަންގިފިލާގެ 12 ޓަވަރު ހިމެނޭ ގޮތަށް މި މަޝްރޫޢު ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް، ކުރީގެ ކޮންޓްރެކްޓަރަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، މުޅި މަޝްރޫޢުގެ އެންމެ 18 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް ވަނީ މުޅިން ހުއްޓިފައެވެ. އޭރު ކުރެވިފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ.

މި މަޝްރޫޢަކީ 2023 ވަނަ އަހަރު އޭރުގެ ސަރުކާރުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އުޅުނު މަޝްރޫޢެކެވެ. އެއްބަސްވުމުގައި އޮތީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް މަސައްކަތް ނިންމުމަށެވެ. ނަމަވެސް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތް ފެށުމަށް ސަރުކާރުން މޮބިލައިޒް ފައިސާ ދޫކުރި ނަމަވެސް ކޮންޓްރެކްޓަރު ވަނީ މަސައްކަތް ހުއްޓާލާފައެވެ. އެހެންކަމުން، ސަރުކާރުން ނިންމެވީ އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމަށެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަސައްކަތަށް ޖުމްލަ 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކުޅުދުއްފުށި ސިޓީއަކީ 10،000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ، އަދި ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކަށް ގިނަ ބަޔަކު ހިޖުރަކުރާ ރަށަކަށް ވުމާއެކު، ބޯހިޔާވަހިކަމުގެ މައްސަލައަކީ އެ ސިޓީއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ކުރިއަށްދާ 400 ޔުނިޓްގެ އިތުރުން ކުޅުދުއްފުށީގައި އިތުރު 2000 ހައުސިންގ ޔުނިޓް ތަރައްޤީކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ. އެ މަސައްކަތްތަކަށްވެސް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450