ދުނިޔެ
ހަނގުރާމަ ހުއްޓާލުމަށް އީރާނުގެ ރައީސް ތިން ޝަރުތެއް ކުރިމަތިކުރައްވައިފި
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ފޮޓޯ: އިންޓަނެޓް
މެދުއިރުމަތީގައި އިޒްރޭލުން އަދި އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މުހިންމު ތިން ޝަރުތެއް ހުށަހަޅުއްވައިފިއެވެ.
އީރާނުގެ ރައީސް އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަޔަނިސްޓް ރެޖީމާއި އެމެރިކާއިން ފަށާފައިވާ މި ހަނގުރާމަ ނިންމުމަށް އޮތް ހަމައެކަނި މަގަކީ އަންނަނިވި ކަންކަން ފުރިހަމަވުން ކަމަށެވެ:
އީރާނުގެ ޙައްޤުތައް ބަލައިގަތުން.
ހަނގުރާމައިގެ ބަދަލު ދިނުން.
މިފަދަ އުދުވާންތައް ތަކުރާރު ނުވާނެކަމުގެ ބައިނަލްއަޤްވާމީ ވަރުގަދަ ޔަޤީންކަމެއް ދިނުން.
ރައީސް ޕެޒެޝްކިއަން ވިދާޅުވީ ރަޝިޔާ އަދި ޕާކިސްތާނުގެ ލީޑަރުންނާ ވާހަކަދައްކަވަމުން، ސަރަޙައްދީ ސުލްހައަށް އީރާނުން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައިވާނެ ކަމަށެވެ. އަދި މި ހަނގުރާމައަކީ ސީދާ އިޒްރޭލާއި އެމެރިކާއިން ރޯކޮށްލާފައިވާ އަލިފާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
Talking to leaders of Russia and Pakistan, I reaffirmed Iran’s commitment to peace in the region. The only way to end this war—ignited by the Zionist regime & US—is recognizing Iran’s legitimate rights, payment of reparations, and firm int'l guarantees against future aggression.
— Masoud Pezeshkian (@drpezeshkian) March 11, 2026
އީރާނުން މިފަދަ ޝަރުތުތަކެއް ކުރިމަތިކޮށްފައި މިވަނީ، މެދުއިރުމަތީގެ މަޝްރަޙު ނުހަނު ބޮޑަށް ގޯސްވެ، އިޒްރޭލުން ޣައްޒާ އާއި ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ރައީސް އިތުރަށް ވިދާޅުވީ މުސްތަޤުބަލުގައި މިފަދަ އުދުވާނެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ.