Ads by PNC

ޚަބަރު

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން އަންނަ ހޮނިހިރު ދުވަހު ފަށަނީ

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން އަންނަ ހޮނިހިރު ދުވަހު ފަށަނީ

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 11:37

12 މާރިޗު 2026، 11:37

މިއަހަރުގެ ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަތުމުގެ އިންތިޒާމްތައް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސެންޓަރ ފޮރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގައެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލާނީ މި މަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުއެވެ. ޒަކާތް ބަލައިގަންނަ ގަޑިތަކަކީ:

  • 14 އަދި 15 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް.
  • 16 އަދި 18 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް.


ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ. ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެމީހަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާއިރު، މިއަހަރުވެސް ފުރަތަމަ ފުރުޞަތު ދީފައިވަނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށެވެ. ނަމަވެސް އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޒަކާތު ހައުސްއިން މިހާރު މިވަނީ ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ފުރިހަމަކޮށްފައެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު، ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު އެންމެ ގިނަ ޢަދަދަކަށް ޒަކާތުގެ ފައިސާ ލިބުނު އަހަރުކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450