ދުނިޔެ

އީރާނުގެ ޑްރޯން ބޯޓުތަކާއި ކަނޑު އަޑީގެ މައިން ބޭނުންކޮށްގެން ހަ އުޅަނދަކަށް ހަމަލާދީފި

އީރާނުގެ ޑްރޯން ބޯޓުތަކާއި ކަނޑު އަޑީގެ މައިން ބޭނުންކޮށްގެން ހަ އުޅަނދަކަށް ހަމަލާދީފި

އިރާނުން ކަނޑު އުޅަނދުތަކަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މާރިޗު 2026، 01:10

12 މާރިޗު 2026، 01:10

އިރާގުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރަކަށް އީރާނުގެ ގޮވާތަކެތި އެޅި ޑްރޯން ބޯޓުތަކަކުން ހަމަލާދީ، އެ އުޅަނދުތަކުގައި އަލިފާން ރޯކޮށްލައިފިއެވެ.

 މި ހަމަލާތަކުގައި އެކަކު މަރުވެފައިވާއިރު، ގަލްފުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި އިތުރު ހަތަރު އުޅަނދަކަށް ވެސް ވަނީ ހަމަލާތަކެއް އަމާޒުވެފައެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު އިރާގު ކައިރިން ގަލްފު ސަރަހައްދުގައި ހަމަލާ އަމާޒުވި ދެ އުޅަނދަކީ މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ 'ސޭފްސީ ވިޝްނޫ' އާއި މޯލްޓާގެ ދިދަ ޖަހާފައިވާ 'ޒެފީރޯސް' އެވެ. އިރާގުގެ ޕޯޓް ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަނޑުމަތިން ބޭރު ގައުމެއްގެ ފަޅުވެރިއެއްގެ ހަށިގަނޑު ފެނިފައިވާއިރު، ގެއްލިފައިވާ އެހެން ފަޅުވެރިން ހޯދުމުގެ މަސައްކަތް އިރާގުގެ ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

އިރާގުގެ ސަރުކާރު ހިއްސާވާ ޖެނެރަލް ކޮމްޕެނީ ފޯ ޕޯޓްސް އޮފް އިރާގު (ޖީސީޕީއައި) ގެ ޑައިރެކްޓަރ ޖެނެރަލް ފަރްހާން އަލް ފަރުތޫސީ ވިދާޅުވީ، ދެ އުޅަނދުން 25 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އެ އުޅަނދުތަކުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން އިރާގުގެ ތެޔޮ ބަނދަރުތަކުގެ މަސައްކަތް މުޅިން ހުއްޓާލާފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު ހޯމްޒް ކަނޑުއޮޅި އީރާނުން މިހާރު ވަނީ ބަންދުކޮށްފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުން ވަނީ އެ ކަނޑުއޮޅީގައި 12 އެއްހާ މައިން ވަޅުލާފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މައިން ވަޅުލުމުގައި ހަރަކާތްތެރިވި އީރާނުގެ 28 އުޅަނދަކަށް އެމެރިކާ ސިފައިން ހަމަލާދީފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް އީރާނުން އަމަލުކުރާނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ޔޫއޭއީގެ ޖަބަލް އަލީގެ އުތުރުން ދަތުރުކުރި ކޮންޓެއިނަރު އުޅަނދަކަށް ވެސް ވަނީ ހަމަލާއެއް އަމާޒުވެ، ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މީގެ އިތުރުން ތައިލެންޑުގެ 'މަޔޫރީ ނާރީ' ނަމަކަށް ކިޔާ އުޅަނދަކަށް ދެ ހަމަލާއެއް އަމާޒުވެ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ އުޅަނދު އޮޕަރޭޓްކުރާ ކުންފުނިން ބުނެއެވެ. މި ހާދިސާގައި ތިން ފަޅުވެރިއަކު އިންޖީނު ރޫމް ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭތީ، އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450