ދުނިޔެ
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
ިއދ ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
އީރާނުން ގަލްފުގެ ގައުމުތަކަށާއި އުރުދުންއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ.
ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) އިން ހުށަހެޅި މި ގަރާރަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.
މި ގަރާރަކީ އދ. ގެ ތާރީޚުގައިވެސް އެންމެ ގިނަ ގައުމުތަކަކުން ކޯ-ސްޕޮންސަރ ކުރި ގަރާރެވެ. ޖުމްލަ 135 ގައުމަކުން މި ގަރާރަށް ތާއީދުކޮށްފައިވާއިރު، ސަލާމަތީ މަޖިލީހުގައި ނެގުނު ވޯޓުގައި އެއްވެސް ގައުމަކުން މި ގަރާރާ ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާ އާއި ޗައިނާއިން ވަނީ މި ވޯޓުގައި ބައިވެރިނުވެ ވަކިފަރާތަކަށް ނުޖެހި ތިބުމަށް ނިންމާފައެވެ.
ފާސްކުރެވުނު ގަރާރުގައި އީރާނުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ގަލްފް ސަރަހައްދުގެ ބަނދަރުތަކާއި ހަކަތަ އުފައްދާ މަރުކަޒުތައް ފަދަ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. މި ގަރާރަކީ މިހާރު ބައިނަލްއަގުވާމީ ގާނޫނުގެ ބައެއް ކަމަށްވާއިރު، އީރާނުން މި ގަރާރަށް އަމަލުކުރާނެތޯ ބެލުމަށް ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ.
މި ގަރާރު ފާސްކުރުމާ ގުޅިގެން އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ "މިއީ ސަލާމަތީ މަޖިލީހަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވަރަށް ހިތާމަވެރި ދުވަހެއް" ކަމަށާއި، މިއީ އެމެރިކާއާއި އިސްރާއީލުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 1,348 އަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވޯޓުގައި ވަކިފަރާތަކަށް ނުޖެހި އޮތް ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ، އެ ގައުމުން ވޯޓުގައި ބައިވެރިނުވީ ގަރާރު އެކުލަވާލާފައިވަނީ ވަކި ފަރާތަކަށް ބުރަވާ ގޮތަށް ކަމަށްވާތީ ކަމަށެވެ. ނަމަވެސް އަރަބި ގައުމުތަކުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރަޝިޔާއިން ވަނީ ބުނެފައެވެ.