Ads by PNC

ޚަބަރު

މޯލްޑިވިއަނުން މާލެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން މާލެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން މާލެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 01:10

12 މާރިޗު 2026، 01:10

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން މި ފެށީ ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާ ގުޅިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.

މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި، މާލެއާއި ޑާކާއާ ދެމެދު ކުރާ މި ދަތުރުތައް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން ޑާކާ މަގުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބިގެންދާނެއެވެ.

ބަންގްލަދޭޝަށް ދަތުރުތައް އަލުން ފެށި މި ދުވަސްވަރަކީ ރަމަޟާން މަސް ނިމި، ފިތުރު އީދު ބަންދާ ދިމާވާ ދުވަސްވަރެއް ކަމަށްވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާން ބޭނުންވާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަން އެ އެއަރލައިނުން ފާހަގަކުރެއެވެ.

މި ދަތުރުތައް އަލުން ފަށަން ނިންމީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މާލެ-ޑާކާ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރަށެވެ. އަދި ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެއެވެ.

މޯލްޑިވިއަނުން މިހާރުވެސް ދަނީ އިންޑިއާ އަދި ޗައިނާގެ ޖުމްލަ 5 މަންޒިލަކަށް ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަމުންނެވެ. މީގެ އިތުރުން ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެކި މަންޒިލްތަކަށް ސީޒަނަލް ދަތުރުތައްވެސް ކުރެއެވެ.

ޤައުމީ އެއަރލައިންގެ ފްލީޓުގައި މިވަގުތު 26 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން، އޭޓީއާރު އަދި ޑޭޝް މަރުކާގެ އެކި މޮޑެލްތަކުގެ ބޯޓުތައް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450