ދުނިޔެ

އަނެއްކާވެސް 2،000 އަށްވުރެ ގިނަ ހިނި ވަގަށް ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަނެއްކާވެސް 2،000 އަށްވުރެ ގިނަ ހިނި ވަގަށް ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަގަށް ބޭރުކުރަން އުޅުނު ހިނި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 07:30

12 މާރިޗު 2026، 07:30

ކެންޔާގެ ނައިރޯބީގައި ހުންނަ މައި އެއާޕޯޓުން 2،200 އަށްވުރެ ގިނަ ދިރޭ ހިނި ފޮރުވައިގެން ޤައުމުން ބޭރަށް ގެންދަން އުޅުނު ޗައިނާގެ ރައްޔިތަކު މި ހަފުތާގައި ހައްޔަރުކޮށްފިއެވެ.

މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޒަންގް ކެގުން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ޖޯމޯ ކެންޔާޓާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށެވެ. ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޒަންގްގެ ޕާސްޕޯޓަށް "ސްޓޮޕް އޯޑަރެއް" ނެރެފައިވަނީ މިދިޔަ އަހަރު ކެންޔާގައި ހައްޔަރުކުރަން އުޅުމުން ފިލައިގެން ދިއުމާ ގުޅިގެންނެވެ.

އިންވެސްޓިގޭޓަރުން ބުނި ގޮތުގައި ޒަންގްގެ ދަބަސް ފާސްކުރިއިރު، އެކި ބާވަތުގެ 2،238 ދިރޭ ހިނި ފެނިފައިވެއެވެ. މީގެ ތެރެއިން 1،948 ހިނި ހުރީ ޓެސްޓް ޓިއުބްތަކަށް އަޅާ ފޮރުވާފައެވެ. އަދި ބާކީ ހުރި ހިނިތައް ހުރީ ތިން ޓިޝޫ ރޯލެއްގެ ތެރޭގައެވެ. ޒަންގް ކެންޔާގައި ދެ ހަފުތާ މަޑުކޮށްފައިވާ އިރު، މި ހިނިތައް އޭނާއަށް ފޯރުކޮށްދިނީ އިތުރު ތިން މީހަކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހިނި ފަދަ ކުދި ސޫފިތައް ވަގަށް ބޭރުކުރުން މިހާރު ކެންޔާގައި ވަނީ އިތުރުވެފައެވެ. މިފަދަ ހިނިތަކަކީ "ފޯމިކޭރިއަމް" (ބިއްލޫރި ކޮށި) ތަކުގައި ބައިތިއްބައިގެން އޭގެ އުޅުމާއި އާއިލީ އޮނިގަނޑު ދިރާސާކުރާ މީހުންގެ މެދުގައި މަޤުބޫލު، އަދި ބޮޑު އަގު ލިބޭ އެއްޗެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ކުރިން ކުރަމުން އައި އެތްދަތުގެ ވަގު ވިޔަފާރި، މިހާރު ތިމާވެށީގެ ނިޒާމަށް މުހިންމު ކުދި ސޫފިތަކުގެ ވިޔަފާރިއަށް ބަދަލުވަމުންދާ ކަމުގެ ހެއްކެކެވެ.

ކެންޔާ ވައިލްޑްލައިފް ސާވިސް (ކޭ.ޑަބްލިއު.އެސް) އިން ކޯޓުގައި ބުނީ، މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި ޒަންގްގެ އަތުން ފެނުނު އައިފޯނާއި މެކްބުކް ލެޕްޓޮޕް ބަލައި ފާސްކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، ހަމަ އަންގާރަ ދުވަހު ތައިލެންޑުގެ ބެންކޮކުންވެސް ކެންޔާއިން ފޮނުވި މިފަދަ ހިނިތަކެއް އަތުލައިގަނެފައިވެއެވެ. މިއީ މި މަސައްކަތުގައި ވަރަށް ރޭވުންތެރިކޮށް ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ނެޓްވޯކެއް އޮތް ކަމުގެ ހެއްކެއް ކަމަށް ކެންޔާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ނިމިދިޔަ އަހަރުވެސް މިފަދަ މައްސަލައެއްގައި ހަތަރު މީހަކު ވަނީ ކޮންމެ މީހަކު 7،700 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450