ވިޔަފާރި / ޚަބަރު
ކްރޮސް ސަބްސިޑައިޒްކޮށްގެން ވިޔަސް އާންމު ރައްޔިތުންނަށް ބުރައަކަށް ނުވާނެ އަގަކަށް ތެޔޮ ލިބޭނެ: ވަޒީރު
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު / ފޮޓޯ: ރައީސް އޮފީސް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފައިދާ ކްރޮސް ސަބްސިޑައިޒް، ނުވަތަ އެ ވިޔަފާރީގެ ފައިދާއިން ތެލަށް ޚަރަދުކޮށްގެން ވިޔަސް، އާންމު ރައްޔިތުންނަށް ބުރައަކަށް ނުވާނެ އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިދިޔަ ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ދިން ހަމަލާގެ ސަބަބުން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން ދިވެހިރާއްޖެއަށް އޮތް ހިރާސްތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމެޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެސްޓީއޯއަށް އަންނަ އަހަރު ލިބޭނެ ފައިދާއިން ސަބްސިޑައިޒްކޮށްގެން ވިޔަސް، ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރުމަށެވެ.
ރައީސްގެ ވިސްނުންފުޅަކީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް ބުރައަކަށް ނުވާނެ ގޮތަކަށް ތެލުގެ އަގު ގެންގުޅުއްވުން. އެގޮތުން މިހާރު ނިންމާފައި ވާނީ އެސްޓީއޯގެ ފައިދާއިން އެއްބައި ބޭނުންކޮށްގެން ސަބްސިޑީ ދިނުމަށް. އޭގެ އިތުރުން އެސްޓީއޯގެ ފައިދާ، މިސާލަކަށް އަޅުގަނޑުމެން އެންޓިސިޕޭޓު ކުރަނީ 1.5 ބިލިއަން މި އަހަރު ލިބޭނެކަމަށް ވަންޏާ، އެ ފައިދާގެ ތެރެއިން ބައެއް، ކްރޮސް ސަބްސިޑައިޒްކޮށްގެން މި ޝޮކް އެބްޒޯބް ކުރެވޭތޯ މި ބަލަނީ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަދި ތެލުގެ އަގަށް ދުނިޔޭގެ މާކެޓުގައި ބަދަލެއް އަންނައިރަށް އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރަނީ ނޫން ކަމަށާއި، އެއީ ވަރަށް ގިނަ ބެލުންތަކެއް ބަލާ، ގިނަ ހިސާބުތަކެއް ޖެހުމަށްފަހު ގެންނަ ބަދަލެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ހެޔޮ އަގުގައި ގެނަސްފައި ހުރި ތެޔޮ އަގުބޮޑުވީކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިޔަސް، ތެލުގެ އަގު ކޮންޓްރޯލް ކުރުމުގައި ރާއްޖޭގައި އަބަދުވެސް ބަލަނީ އެ އިރެއްގައި މާކެޓުގައި ތެޔޮ ގަންނަން ލިބޭ އަގަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ތެލުގެ ސްޓޮކަށް ބަލާއިރު މިވަގުތަށް އޮތް އެންމެ ބޮޑު ހިންހަމަ ޖެހުމަކީ މި އަހަރުގެ ފުރަތަމަ މަހު އެސްޓީއޯއަށް އިތުރު ތެޔޮބޯޓެއް ގެނަސްފައިވުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެސްޓީއޯގައި ތެޔޮ އުފުލާ 24،500 މެޓްރިކް ޓަނުގެ ބޯޓުގައި ތެޔޮ ރައްކާކުރާއިރު، 22،000 މެޓްރިކް ޓަނުގެ އިތުރު 2 ބޯޓު ތެޔޮ ހިފައިގެން ރާއްޖެ އައުމުގެ މަރުހަލާގައި އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރެއިން އެއް ބޯޓުކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށާއި އަދި އަނެއް ބޯޓު ތެޔޮ ހިފައިގެން މިއަދު ފުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއަށް ތެޔޮ ގެނައުމަށް ރާވާފައިވާ ތާވަލާއި އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.