ދުނިޔެ
ފަލަސްތީނަށް ތާއީދުކޮށް ތެހެރާނުގައި ބޭއްވި އަލް-ޤުދުސް ދުވަހުގެ ހިނގާލުމުގެ ތެރެއަށް ބޮން އަޅައިފި
ތެހެރާނުގައި ބޭއްވި އަލް-ޤުދުސް ދުވަހުގެ ހިނގާލުން
ފަލަސްތީނުގެ ރައްޔިތުންނާ އެކު ސޮލިޑަރިޓީ ފާޅުކުރުމަށް އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި އަލް-ޤުދުސް ދުވަހުގެ ހިނގާލުމުގެ ތެރޭގައި ގޮވުންތަކެއް ގޮވައި، އެކަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް 14 ދުވަސް ވެފައިވަނިކޮށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރު ވަގުތު ތެހެރާނުގެ ފިރުދައުސީ މައިދާނުގައި އެއްވެ ތިބި މީހުންގެ ތެރޭގައި ބާރުގަދަ ގޮވުމެއް ވަނީ ގޮވާފައެވެ. މި ގޮވުން ގޮވާފައިވަނީ އެ ސަރަހައްދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އިސްރާއީލުން އިންޒާރު ދިންތާ ކުޑަވަގުތުކޮޅެއް ފަހުންނެވެ. ޕްރެސް ޓީވީން ބުނި ގޮތުގައި މި ހަމަލާގައި އަންހެނަކު ވަނީ މަރުވެފައެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,444 މީހުން މަރުވެ، 18,551 މީހުން ވަނީ ޒަޚަމްވެފައެވެ. އަލްޖަޒީރާ އަރަބިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ތިބި ސަރަހައްދާ މީޓަރުތަކެއް ދުރަށް ވެސް ވަނީ ވައިގެ ހަމަލާއެއް އަމާޒުވެފައެވެ.
މި ހިނގާލުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ ބައިވެރިވެވަޑައިގެންނެވިއެވެ. "އިސްރާއީލުން މި ދުވަހު ބޮން އަޅަމުންދަނީ ބިރުން،" ލަރިޖާނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ރައްޔިތުންނަކީ ވަރުގަދަ، ހޭލުންތެރި އަދި ސާބިތުކަމާއެކު ތިބި ބައެއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް އަޑުއުފުލައި، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ތައުހީދު އަސަދީ ބުނި ގޮތުގައި، މިއީ ފަލަސްތީނަށް ތާއީދުކުރުމުގެ އިތުރުން، އީރާނަށް ދެމުންދާ ހަމަލާތަކާ މެދު ރައްޔިތުންގެ ކިބައިގައި ހުރި ނުރުހުން ފާޅުކުރި ވަގުތެކެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ ފާއިތުވި ނުވަ މަސް ތެރޭގައި އިސްރާއީލުން އީރާނަށް ހަމަލާދިން ދެވަނަ ފަހަރެވެ.
އަލް-ޤުދުސް ދުވަހަކީ ކޮންމެ އަހަރަކު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމަށާއި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުމާ ދެކޮޅަށް ބާއްވާ ބައިނަލްއަގުވާމީ ދުވަހެކެވެ. މި ދުވަހުގެ ހަރަކާތްތައް އީރާނުގެ އެކި ސިޓީތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.