ދުނިޔެ
އީރާނުގެ އިސްވެރިންގެ މަޢުލޫމާތު ހޯދުމަށް އެމެރިކާއިން 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފި
އީރާނުގެ އައު ރޫޙާނީ މުރްޝިދު އާޔަތުﷲ މުޖުތަބާ ޚާމަނާއީ
އީރާނުގެ އަސްކަރީ އަދި ޖާސޫސީ އިދާރާތަކުގެ އިސްވެރިންގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިނާމެއް ދޭނެކަމަށް އެމެރިކާއިން އިޢުލާންކޮށްފިއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު މި ލިސްޓުގައި އީރާނުގެ އައު ރޫޙާނީ މުރްޝިދު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ހިމެނިވަޑައިގަންނަވައެވެ.
މި އިނާމު ހުށަހަޅާފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ގުޅުންހުރި 10 އޮފިޝަލެއްގެ މަޢުލޫމާތު ހޯދުމަށެވެ. އައި.އާރް.ޖީ.ސީ އަކީ އީރާނުގެ ރޫޙާނީ މުރްޝިދަށް ވަފާތެރި، އެޤައުމުގެ އަސްކަރީ އަދި ޖާސޫސީ އޮޕަރޭޝަންތައް ހިންގާ އެންމެ ވަރުގަދަ ފައުޖެވެ.
މުޖުތަބާ ޚާމަނާއީ އީރާނުގެ ރޫޙާނީ މުރްޝިދުގެ މަޤާމާ ޙަވާލުވެވަޑައިގަތީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ޙަމަލާތަކެއްގައި އޭނާގެ ބައްޕަ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެ ޙަމަލާގައި މުޖުތަބާ އަށް ވެސް އަނިޔާވި ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ ބުރާސްފަތި ދުވަހު ވަނީ ފުރަތަމަ ފަހަރަށް އާންމު ބަޔާނެއް ނެރުއްވާފައެވެ.
އެމެރިކާގެ ލިސްޓުގައި ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ، އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚާތިބް، އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޮމެނީގެ އިތުރުން ރޫޙާނީ މުރްޝިދުގެ އޮފީހުގެ ދެ އިސްވެރިން ހިމެނެއެވެ.
އީރާނުގެ ލީޑަޝިޕް ބިންގަަރަސްތަކުގައި ފިލާ ތިބި ކަމަށް އެމެރިކާއިން ބުނަމުންދިޔަ ނަމަވެސް، ހުކުރު ދުވަހު އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އާއި ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ އެކު ތެހެރާންގައި ބޭއްވި އެއްވުމެއްގައި އަލީ ލަރީޖާނީ ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި، އައި.އާރް.ޖީ.ސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ޖަމާޢަތެކެވެ. އަދި އެމެރިކާގެ ރައްޔިތުން މަރާލުމާއި، ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތު ވެސް އެމެރިކާއިން އެ ޖަމާޢަތަށް ކުރެއެވެ.
ނަމަވެސް އީރާނުން ވަނީ އެމެރިކާގެ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އެޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ސިޔާސީ މަޤްޞަދެއްގައި ކުރާ ބޭކާރު ތުހުމަތުތަކެކެވެ.