Ads by PNC

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލަނީ

ވިނަރެސް ފްލެޓްތައް/ފޮޓޯ: ޚަބަރު އޮންލައިން

14 މާރިޗު 2026، 02:20

ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިޞްލާޙުކޮށް، އެ ފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅޭނެ ގޮތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހަމަޖައްސައިދީފިއެވެ.

މިކަމާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އުޞޫލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައަޅާފައިވާ ޢާންމު ޝަރުތު ކަމުގައިވާ މާލެ ސަރަޙައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުމުގެ މުއްދަތު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް ހުށަހެޅޭނެ ކަމުގައި މި އުޞޫލުގައި ބަޔާންކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް މާލެއިން ޚިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ޚިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ވަކިން ފުލެޓަށް އެދި ފޯމު ހުށަހެޅޭނެ ކަމުގައި މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. މި އުޞޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 24 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުޞޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450