ޚަބަރު
އަންނަ މަހުގެ އިންތިޚާބުތަކަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ފަށައިފި
އިންތިޚާބުތަކަށް ބޭނުންވާ ވޯޓު ކަރުދާސް
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މިގޮތުން ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި، ކޮންމެ ކަރުދާސްކޮޅެއް ވަކިވަކިން ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިދަނީ ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށް އެކަރުދާސްކޮޅެއްގައި ދެ އިންތިޚާބުކަމަށް ވެއްޖެއްޔާ ކޮންމެ އިންތިޚާބެއްގައި އެދާއިރާއެއްގައި ކާކުތޯ ވޯޓުލަނީ ވޯޓު ލާންޖެހޭ ކެންޑިޑޭޓުންގެ ނަމާއި އެތަފްސީލުތަކާއި އެއްޗިސް، އެއިން ކަރުދާހެއްގައި ޗާޕުކުރުމުގެ ތެރޭގައި ވޯޓު ކަރުދާސް ބާތިލް ކުރަން ޖެހޭ ނުވަތަ އެހެންވެސް އެކަހަލަ ކަމެއް އެއްވެސް ކަހަލަ ޑިފޯލްޓެއް އުޅޭތޯ ބަލަމުން،" ޒާހިދު ވިދާޅުވިއެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294،876 މީހުންނަށް ލިބިގެންވާއިރު، ވޯޓުލުމަށްޓަކައި ޖުމްލަ 588 ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި، އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި، ކަރުދާސްތައް އަދި އިދާރީ ގޮތުން ފޮނުވަންޖެހޭ އެންމެހާ ތަކެތި ފޮނުވާ ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. ވޯޓުލާ ދުވަހު ކޮންމެ މީހަކަށްވެސް ތަފާތު ތިން ކަރުދާސްކޮޅެއް ދެވޭނެ ކަމަށާއި، އެ ތިން ކަރުދާސްކޮޅު ލާންޖެހޭނީ ވަކި ތިން ފޮށްޓަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން އަންނަ ކޮންމެ މީހަކުވެސް އޮފިޝަލުން ދޭ އިރުޝާދުތަކަށް ރަނގަޅަށް އަމަލުކުރުމަށާއި، ކަރުދާސްކޮޅު ލެވެނީ ރަނގަޅު ފޮށްޓަށްތޯ ޔަޤީންކުރުމަށް އެދިވަޑައިގެންފައެވެ. އަދި ޤާނޫނުން ލިބިދޭ ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް ބޭނުންކުރުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.