ޚަބަރު
4000 ފްލެޓް ނިންމަން އަދި 30 މިލިއަން ބޭނުންވޭ، ލިބޭނެ ގޮތެއް ނެތް: ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލިސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އަޅަމުންދާ 4000 ފްލެޓް ނިންމަން އަދި އިތުރަށް 30 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެފައިސާ ލިބޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގައިފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.
އަދި ފަހިދިރިއުޅުން ކޯޕަރޭޝަނާއި 4000 ފްލެޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީވެސް އެމަޝްރޫޢު ނިންމޭނެ ފަދަ ގޮތަކަށް ނޫން ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ނިންމަން އިތުރު 30 މިލިއަން ޑޮލަރު ބޭނުންވިޔަސް އެ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި ނެތް ކަމަށްވެސް މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވިއެވެ
އިމާރާތުގައި ކަރަންޓު ލާކަށް ފައިސާއެއް ނެތް، ފެން ގުޅާކަށް ފައިސާ ނެތް، ސެކިއުރިޓީއެއް ހިމެނިފައި ނެތް. ސަރުކާރުން އެތަނަށް ވައްދާނެ މީހުން މިއަދު ވެސް ނިންމި ދާނެ. އެހެން ނަމަވެސް ވަދެވޭނެ ގޮތެއް އަދިވެސް ނެތް. އަދިވެސް އެ ފައިނޭންސް ހަމަޖެހޭނެ ގޮތް ނެތް
ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭގެ ތެރެއިން 2،000 ޔުނިޓު އަޅަން ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓުގެ އިތުރުން ދިވެހި ސަރުކާރުން 15 ޕަސެންޓު ދައްކާ ގޮތަށް ކަމަށެވެ. އެކަމަކު އެ ފައިސާ އަދިވެސް ނުދެއްކޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ކަންކަން އޮތީ އެހެންކަމަށާއި، އެއްވެސް ކަމެއް ފުރިހަމަ އަށް ދެކޮޅު ޖެހޭ ގޮތަށް ކުރީ ސަރުކާރު ކޮށްފައި ނެތް ކަމަށެވެ.