ޚަބަރު
ފެނަކައިގެ އިންޖީނިއަރިންގ ސްކޫލެއް އައްޑޫ ސިޓީގައި އެޅުމުގެ މަސައްކަތް ފަށައިފި
އައްޑޫ ސިޓީ ފޮޓޯ: ސަން އޮންލައިން
އައްޑޫ ސިޓީގައި ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރިންގ ސްކޫލެއް އެޅުމުގެ މަސައްކަތް އެ ކުންފުނިން ބާރުސްޕީޑުގައި ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް، ޤައުމީ ޓީވީގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ނަޖާޙް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އަދި މިކަމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ލިޔެކިޔުންތައް މިހާރު އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސްކޫލަކީ ފެނަކައިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދަން ބޭނުންވާ މުހިންމު މަޝްރޫޢެކެވެ.
އައްޑޫ ސިޓީގައި އަޅުގަނޑުމެން ބޭނުން ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އަޅަން. ބިން ހަމަޖެހުނުހާ އަވަހަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން. އެއިރުން ފެނަކައިގެ އެކިއެކި އޮފީސްތައް ހުންނަ ފަދައިން ޓްރެއިނިން ސްކޫލެއް އެޅުމާއި އެކީގައި ފެނަކައިގެ ހުރިހައި ޓެކްނިކަލް ޓްރެއިނިންގތަކެއް އެއީ ފެނާއި ނަރުދަމާއާ ރިލޭޓެޑްވިއަސް ނުވަތަ ކަރަންޓާއި ރިލޭޓެޑްވިއަސް ނުވަތަ ސޯލާއާއި ރިލޭޑެޓްވިއަސް މި ހުރިހައި ދާއިރާތަކެއްގެ ޓެކްނިކަލް ޓްރެއިނިންގ އަޅުގަނޑުމެން އައްޑޫ ޓްރެއިނިން ސްކޫލުން ދޭނެ،
ނަޖާޙް
މީގެ އިތުރުން، މި ސްކޫލުގައި ދޭ ތަމްރީނުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނުތަކަކަށް ހެދުމަށްޓަކައި ބޭރުގެ ކުންފުންޏަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، އެ ކުންފުނީގެ އޮތޮރައިޒްޑް ޓްރެއިނިންގ ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށްވެސް އެމްޑީ ވިދާޙުވިއެވެ.
ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކޫލް ވެގެންދާނީ އެ ކުންފުނީގެ މުވައްޒަފުން ތަރައްޤީކުރުމުގެ މައި ހަބަކަށެވެ. މިތަނުން އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ފެނަކައިގެ ޓެކްނިކަލް މުވައްޒަފުންނަށް ބޭނުންވާ ސެޓިފިކޭޝަނާއި ތަޖުރިބާ ފޯރުކޮށްދެވޭނެއެވެ.
މި ތަމްރީނުތަކުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޖަނަރޭޓަރުތައް ހަލާކުވާ މިންވަރު މަދުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ. އަދި އިންޖީނުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހޭދަވާ ވަގުތު (ޑައުންޓައިމް) ކުޑަކުރެވި، ކުންފުންޏަށް މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފެނަކައިން ފާހަގަކުރެއެވެ.