ޚަބަރު
ޢުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެ
ޢުމްރާއަށް ދިޔަ ދިވެހިންތަކެއް--
ޢުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ ޙިޖާޒް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔަ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމް ދީދީއެވެ. އެއީ ޢުމުރުން 86 އަހަރުގެ ފިރިހެނެކެވެ.
ޢަލީ އިބްރާހީމް ދީދީގެ ޢާއިލާއިން މަޢުލޫމާތުދޭ ގޮތުގައި އިރުއޮއްސުނު ވަޤުތު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. އަދި އޭނާ ޢުމްރާގެ އަޅުކަމަށް އައިސްފައިވަނީ ދަރިންނާ އެކުގައި ކަމަށާއި، މައްކާއަށް ދިޔައިރުވެސް ބަލިކޮށް އުޅޭކަން ޢާއިލާއިން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، އޭނާ ވަނީ ރޯގާ ޖެހިގެން ނެބިއުލައިޒްކުރަމުން ގޮސްފައެވެ. އޭނާގެ ޖަނާޒާ މިރޭ ފަތިހު މަސްޖިދުލް ޙަރާމްގައި ބޭއްވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި އެކި ގްރޫޕްތަކުގެ ހަވާލުގައި 1600 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާގެ މާތް ބިމުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.