ޚަބަރު
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މުޙައްމަދު ޝަފީޤު---
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ.
މި ހާދިސާއަކީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 ހާއިރު، ވިލިމާލެ ފެރީ ޓާރމިނަލް ކައިރީގައެވެ. މުޙައްމަދު ޝަފީޤު ވަނީ އެ ސަރަޙައްދުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.
މުޙައްމަދު ޝަފީޤު އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ދަޢުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނެފައެވެ. އަދި ދިފާއުގައި ހެކި ހުށަހަޅާފައިވެއެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި އޭނާ ވަނީ ދަޢުވާއަށް އިއުތިރާފުވެއެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 މާރިޗު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުންކުރި ޙުކުމްގައި ބުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް މުޙައްމަދު ޝަފީޤްގެ މައްޗަށް ސާބިތުވާކަމަށެވެ.
އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ޝަފީޤު 7 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އަންގައި، ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 4 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.