Ads by PNC

ޚަބަރު

މި އަހަރުގެ ފުރަތަމަ ދެ މަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ދެ މަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިއްޖެ

މާލީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 މާރިޗު 2026، 12:05

15 މާރިޗު 2026، 12:05

މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ދެ މަހު އިންކަމް ޓެކުހުގެ ގޮތުގައި 1.37 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 975.5 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %41.1 އިތުރު އަދަދެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުންނެވެ. ނަމަވެސް، މި ބައިން ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ %7 ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު މި ބައިން 684.1 މިލިޔަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބިފައިވަނީ 635.7 މިލިޔަން ރުފިޔާއެވެ.

ކުންފުނިތަކުގެ ޓެކްސް ދަށްވި ނަމަވެސް، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ބައިން ލިބުނު އާމްދަނީ 181.1 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް %200 އިތުރު އަދަދެކެވެ.

އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 1 ޖަނަވަރީ 2020 އިން ފެށިގެން ރާއްޖޭގައި ނަގަން ފެށި ޓެކުހެކެވެ. މީގެ ތެރެއިން އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ 1 އެޕްރީލް 2020 ގައެވެ.

ޤާނޫނު ބުނާގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހެއެވެ. ނަމަވެސް، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450