ޚަބަރު
އެޗްޑީސީއިން ހުޅުމާލޭގައި ބާއްވާ މި ރޯދަ މަހުގެ އެންމެ ފަހު "އަވަށްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު
ރޯދަ ވީއްލުމުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން، މި ރޯދަ މަހު ބާއްވަމުން އަންނަ "އަވަށްޓެރި ރޯދަ ވީއްލުން" ގެ އެންމެ ފަހު ރޯދަވީއްލުން މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ، މި އަހަރުގެ އެންމެ ފަހު ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 1 ގެ ޗަނބޭލީ މަގު (މުހައްމަދު ގާސިމް ޕްރީ ސްކޫލް) ކުރިމަތީގައި ކަމަށެވެ.
މިއީ މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ 4 ވަނަ ރޯދަ ވީއްލުމަށްވީއިރު، އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މި އަހަރުގެ ފުރަތަމަ 3 ރޯދަ ވީއްލުން ޚާއްޞަކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިމެނޭހެން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށެވެ. ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ޙަރަކާތުގެ މަޤްޞަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި އަވަށްޓެރި ރޯދަ ވީއްލުންތައް ބާއްވާފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.
ހަމަ އެހެންމެ، ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެ ކުންފުނިން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމެއްކަން ފާހަަގަކޮށްލެވެއެވެ.