Ads by PNC

ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް 40،780 ޑޮލަރުގެ އެހީއެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް 40،780 ޑޮލަރުގެ އެހީއެއް

ޑޮލަރު ހަދިޔާކުރުން--

15 މާރިޗު 2026، 10:20

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ރެޑް ކްރެސެންޓުގެ ފަރާތުން 40،780 ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ރެޑް ކްރެސެންޓުން ވަނީ، ރާއްޖެއަށް 40،780.44 ޑޮލަރު ނުވަތަ 626،795.36 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ހެޔޮއެދުންތަކާއެކު، އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ފައިސާއެވެ. މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޔޫއޭއީއިން ދިން މި އެހީތެރިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީ އާ ބެހޭ ވުޒާރާއާ ޙަވާލުކޮށްފައެވެ.

އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ޢީދުގެ އުފަލުގައި ބައިވެރި ކުރުމަށްޓަކައި ދިން މި އެހީގައި ކުދިންނަށް ޢީދު ހެދުން ހޯދައިދިނުމާއި، ބޭނުންޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޢީދު އުފަލުގައި ބައިވެރި ކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މިފަދަ ދީލަތި އެހީތެރިކަމެއްގެ ސަބަބުން، މުޖްތަމަޢުގެ އެންމެ ނާޒުކު ޙާލަތްތަކުގައި ތިބި ކުދިންނާއި ޢާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން ޢީދުގެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި އިޙްސާސްކުރުމުގެ މަގުފަހިވެ، އެކުދިންގެ ނަފްސާނީ ދުޅަހެހޮކަމާއި އިޖްތިމާޢީ ގުޅުންތަކަށް ބޮޑު ބާރެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އުފަލަށްޓަކައި ޔޫއޭއީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެދެއްވި ދީލަތި އެހީތެރިކަމަށް އެ ވުޒާރާއިން ވަނީ ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450