ޚަބަރު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވުމަށް އެދެފި
ޤާސިމް އިބްރާހިމް/ފޮޓޯ: އޭއޯ ނިއުސް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވުމަށް އެދެފި އެވެ.
ޤާސިމް ގެ ނަމުގައި ސްކޭމްއެއް ހިންގަމުންދާތީ ޢާންމު ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމަށް އޭނާ ވަނީ މިއަދު "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައެވެ.
މި ޕޯސްޓުގައި ޤާސިމް ވިދާޅުވީ، އޭނާގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި 50،000 ރުފިޔާ (ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް) ލިބޭ ފުރުޞަތެއްކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އޭނާގެ އޭ.އައި ފޮޓޯއަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދާ ކަމަށެވެ. ނަމަވެސް، ފަތުރަމުންދާ އެ މަޢުލޫމާތުތަކަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ޞައްޙަނޫން މަޢުލޫމާތުތަކެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިފަދަ ސްކޭމަރުންގެ ސަބަބުން އެތަށްބައެއްގެ ވަގުތުބޭކާރުވެ، އެތަށްބަޔަކަށް ދެރަ ނިކަމެތި ގޮތް ދިމާވަމުންދާކަން ޤާސިމް ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެ މަޢުލޫމާތު ހިއްސާކުރައްވާ، މިފަދަ ނޭންގާނީ ޢަމަލުތަކުން ދިވެހި މުސްލިމު މުޖުތަމަޢު ސަލާމަތް ކުރެއްވުމަށް ޤާސިމް ދުޢާކުރެއްވިއެވެ.