Ads by PNC

ޚަބަރު

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރުން ނަގާ ފީ ބޮޑުކުރުމަށް މަޝްވަރާއެއް ނުކުރޭ: އެމްޕީއެލް

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރުން ނަގާ ފީ ބޮޑުކުރުމަށް މަޝްވަރާއެއް ނުކުރޭ: އެމްޕީއެލް

މާލޭ ނޯތު ހާބަރު ސަރަޙައްދު / ފޮޓޯ: ޕީއެސްއެމް ނިއުސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 މާރިޗު 2026، 10:43

16 މާރިޗު 2026، 10:43

މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރުން ނަގާ ފީ ބޮޑުކުރުމަށް ސަރުކާރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މަޝްވަރާކޮށްފައި ނުވާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޕީއެލްއިން އާދީއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރުން ނަގާ ފީ ބޮޑުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައެވެ.

އަދި މާލޭގެ މަގުމަތީގެ، ޚާއްޞަކޮށް ބާޒާރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުއާއެކު ނޯތު ހާބަރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ނޯތު ހާބަރުގެ "އޭ ޒޯން" ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. 

މި މަސައްކަތުގެ ތެރެއިން ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވައި އެމްޕީއެލުން ބުނީ، މީގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ޚާއްސަކޮށްފައިވާ މާލެ ނޯތު ހާބަރގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާކަން އެމްޕީއެލުން ފާހަގަކޮށްފައި ވެއެވެ. އަދި މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓަށްފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އެ ކުންފުނިން އަމަލު ކުރަމުން ދިޔަ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިނުވާ އެއްވެސް އުޅަނދަކަށް އެ ސަރަޙައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ބަޔާން ނިންމާލަމުން އެމްޕީއެލްއިން އިލްތިމާސްކުރީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތަކަށް ނުފެތުރުމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450