ދުނިޔެ
އިރާނުގެ ރައްޔިތުން މުޒާހަރާ ނުކުރަނީ ބިރުން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
ރައީސް ޓްރަމްޕް "އެއާ ފޯސް ވަން" ގައި ދަތުރުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ނުނިކުންނަ ސަބަބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ޓްރަމްޕް މިހެން ވިދާޅުވީ "އެއާ ފޯސް ވަން" ގައި ދަތުރުކުރައްވަމުން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައެވެ.
އިރާނުގެ ވެރިންނަށް ނިސްބަތްކުރައްވައި ޓްރަމްޕް ވިދާޅުވީ، އެގައުމުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވަނީ "ގުންޑާއިންނާ" ކަމަށެވެ. އަދި އިރާނުގެ ސަރުކާރުން އެންމެނަށް އިންޒާރުދީ، މުޒާހަރާކޮށްފިނަމަ ބަޑިޖަހައި މަރާލާނެ ކަމަށް ބުނެ ބަޔާންތައް ނެރެފައިވާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
"އެހެންކަމުން، އެމީހުން (މުޒާހަރާކުރާ މީހުން) މުޒާހަރާއަށް ނުނިކުންނަ ސަބަބު އަހަރެންނަށް ވަރަށް ބޮޑަށް ސާފުވޭ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމަށްފަހު، ޓްރަމްޕް ވަނީ އިރާނުގެ ރައްޔިތުން މަގުތަކަށް ނިކުމެ އެގައުމުގެ ސަރުކާރު ވައްޓާލުމަށް މީގެ ކުރިން ގޮވާލައްވާފައެވެ.
މި ކުރިމަތިލުންތަކުގައި ކާމިޔާބީ އިއުލާނު ކުރަން ތައްޔާރުތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެފަދަ ކަމެއް ކުރަން ބޭނުންފުޅު ނުވާ ކަމަށާއި، އެކަން ކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އިރާނުގެ ބާރުތައް މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަފުޅު ނިންމާލެއްވިއެވެ.