ޚަބަރު
ފ. ނިލަންދޫ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި
ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ
ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެންނެވެ. އެމްޓީސީސީއާއި އެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނިލަންދޫގައި ދަޅު މަސް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރަން ހިއްކުމަށް ހަމަޖެހިފައިވަނީ އެރަށުގެ އުތުރު ފަރާތުން 7 ހެކްޓަރުގެ ބިން ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ ކަމަށާއި، މި މަޝްރޫޢުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް އެޅުމައް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ނިލަންދޫގެ އިތުރުން ގދ. ފިޔޯރީގައިވެސް ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއާއި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. ފިޔޯރީގައި ކުރިއަށް ގެންދާ މަޝްރޫޢުގައި ދުވާލަކަށް 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.