ވިޔަފާރި / ޚަބަރު
މާލޭގެ އައު މާރުކޭޓުގައި 455 ކިއޮސްކް ، ފުޑްކޯޓެއް އަދި ބޭސްމަންޓްގައި ޕާކިންގ ފެސިލިޓީ
މާލޭގެ އައު މާރުކޭޓުގެ ކުރެހުން ފޮޓޯ: ވުޒާރާ
މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ތަރައްޤީކުރާ ޒަމާނީ އާ މާރުކޭޓު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އިއްޔެ ސޮއިކޮށްފިއެވެ. "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް"ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގެ ދަށުން މި މަޝްރޫއަކީ ޖުމްލަ 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން) ރުފިޔާގެ މަޝްރޫއެކެވެ. މިއީ އިމާރާތުގެ ކޮންމެ އަކަފޫޓަކަށް 1,329.65 ރުފިޔާގެ މަގުން، ޖުމްލަ 95,032.32 އަކަފޫޓުގެ ބޮޑު ސަރަހައްދެކެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ހިފާ ގެންގުޅޭ ހުރިހާ ސާމާނާ އެކު މާރުކޭޓު އޮޕަރޭޝަނަށް ގެނެވޭނެއެވެ.
މާޝްރޫއުގެ ފަންނީ ތަފްސީލުތައް:
މި އިމާރާތަކީ 15,525 އަކަފޫޓުގެ ބިމެއްގައި އަޅާ 6 ބުރީގެ އިމާރާތެކެވެ. މީގެ ތެރޭގައި ބޭސްމަންޓާއި، ގްރައުންޑް ފުލޯގެ އިތުރުން ޓެރަސް ހިމެނޭހެން 5 ފްލޯ ހިމެނެއެވެ.
- ބޭސްމަންޓް: 400 އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ އޮންނާނެއެވެ.
- ގްރައުންޑް ފުލޯ (މަސް މާރުކޭޓު): 110 ސްޓެއިންލެސް ސްޓީލް ކިއޮސްކް ހުންނާނެއެވެ. އަދި މަސް ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި 5 ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެއް ހުންނާނެއެވެ.
- 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފުލޯ (މޭވާ އާއި ތަރުކާރީ): ކޮންމެ ފުލޯއެއްގައި 115 ކިއޮސްކް ހިމެނޭހެން، ޖުމްލަ 345 ކިއޮސްކް މި ތިން ފްލޯގައި ހުންނާނެއެވެ.
- ޓެރަސް: ކެއުންބުއިމުގެ ހިދުމަތް ދިނުމަށް ޒަމާނީ ފުޑް ކޯޓެއް ތަރައްޤީ ކުރެވޭނެއެވެ.
މި އިމާރާތް ފަރުމާކޮށްފައިވަނީ އޮޕަރޭޝަނަށް ބޭނުންވާނެ ހުރިހާ ފަރުނީޗަރަކާއި، ކިއޮސްކްތަކާއެކު ފުރިހަމައަށް ނިންމައި، ސީދާ މަސައްކަތް ފެށޭނެ ފަދަ ގޮތަކަށެވެ. މިނިސްޓްރީން ވަނީ މި އިމާރާތުގެ ޑިޒައިން ފެންނަ ނަމޫނާ ކުރެހުންތަކެއް ވެސް އިއްޔެ އާންމުކޮށްފައެވެ.