ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ކޯލިޝަނެއް ހޯއްދަވަނީ، ތެލުގެ އަގު އުފުލިއްޖެ

ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ކޯލިޝަނެއް ހޯއްދަވަނީ، ތެލުގެ އަގު އުފުލިއްޖެ

މެދުއޮރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ތެލުގެ އަގުބޮޑުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 މާރިޗު 2026، 11:55

16 މާރިޗު 2026، 11:55

ތެލުގެ އަގު މިފަހަރު އުފުލިގެން ދިޔައީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ވޮޝިންޓަނަށް އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހެން ގައުމުތަކަށް ގޮވާލައްވައިފިއެވެ.

 ނަމަވެސް ޓްރަމްޕްގެ މި ހުށަހެޅުމަށް މިހާތަނަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. ޗައިނާ، ޖަޕާން، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ނަން ފާހަގަކުރައްވައި ޓްރަމްޕް އެހީއަށް އެދިވަޑައިގެންނެވި ނަމަވެސް، އެއްވެސް ގައުމަކުން އެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް ރަސްމީކޮށް އެއްބަސްވެފައެއް ނުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަށް ނިމުމެއް އަންނާނެ ކަމުގެ ނިޝާނެއް ނުފެންނާތީއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ މައިގަނޑު މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު އާދީއްތަ ދުވަހު 3 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 106 ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ހެނދުނު އަގު ކުޑަކޮށް ދަށްވެ، ޖީއެމްޓީ ގަޑިން 04:30 ގައި ބްރެންޓް ކްރޫޑް ހުރީ 1.5 އިންސައްތައިގެ ކުރިއެރުމަކާއެކު ފީފާއެއް 104.63 ޑޮލަރަށެވެ.

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ހުށަހެޅުމަށް އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ ނޭޓޯއަށް "ވަރަށް ގޯސް" މުސްތަގުބަލަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މީގެ އިތުރުން، ޖަޕާނާއި އޮސްޓްރޭލިއާއިން ހޯމަ ދުވަހު ބުނެފައިވަނީ އެ މުހިންމު ކަނޑުގެ ސަރަހައްދަށް މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ.

އީރާނުން މި ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހުއްޓުވާފައިވަނީ އެމެރިކާއާއި އިސްރާއީލުން އެ ގައުމަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ސިފަކޮށްފައިވާ ގޮތުގައި މިއީ ތާރީޚުގައިވެސް ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވި އެންމެ ބޮޑު ހުރަހެވެ. ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ވަނީ 40 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދު މަޑުޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (UKMTO) އިން ހާމަކުރި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން ދުވާލަކު އެ ކަނޑުއޮޅިން ދަތުރުކުރަނީ އެންމެ ފަސް އުޅަނދެވެ. މީގެ ކުރިން ދުވާލަކު އެވްރެޖްކޮށް 138 އުޅަނދު ދަތުރުކުރެއެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުގައި މަދުވެގެން 16 ވިޔަފާރި އުޅަނދަކަށް ވަނީ ހަމަލާދީފައެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، މުހިންމުވެއްޖެ ހާލަތެއްގައި ވިޔަފާރި އުޅަނދުތަކަށް ސަލާމަތްތެރިކަން ދިނުމަށް އެމެރިކާގެ މަނަވަރުތައް ފޮނުވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އީރާނުގެ އަސްކަރީ ގާބިލްކަން އިތުރަށް ބަލިކޮށްލެވެންދެން މަނަވަރުތައް ނުފޮނުވާނެ ނަމަވެސް، ވަރަށް އަވަހަށް އެފަދަ އޮޕަރޭޝަންތައް ފެށޭނެ ކަމަށް އުންމީދު ކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450