ދުނިޔެ
އީރާނާއެކު ކުރާ ހަނގުރާމައަށް މިހާތަނަށް 12 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ޓްރަމްޕްގެ އެޑްވައިޒަރު ވިދާޅުވެއްޖެ
އިޒްރާއިލާއި އެމެރިކާއިން އީރާނަށް ހަމަލާދިނުން
އިސްރާއީލާ ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދޭން ފެށި ހަމަލާތަކަށް މިހާތަނަށް 12 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިގްތިސާދީ އެޑްވައިޒަރު ކެވިން ހެސެޓް ހާމަކުރައްވައިފިއެވެ.
މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހާމަކުރި އަދަދެކެވެ.
ވައިޓް ހައުސްގެ ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ހެސެޓް ސީބީއެސްގެ 'ފޭސް ދަ ނޭޝަން' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ އޭނާއަށް އެންމެ ފަހުން ލިބިވަޑައިގެންފައިވާ މައުލޫމާތު ކަމަށެވެ. ނަމަވެސް، ހަނގުރާމައިގެ ފުރަތަމަ ހަފުތާގައި އެކަނިވެސް ހަތިޔާރަށް 5 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ސީބީއެސްގެ އެންކަރު ފާހަގަކުރެއްވުމުން، ހެސެޓް އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ.
ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ނުރައްކަލެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް ހެސެޓް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއަކީ މިހާރު ތެޔޮ އުފައްދާ ގައުމަކަށް ވުމުން، 1970 ގެ އަހަރުތަކާ ހިލާފަށް އިގްތިސާދަށް ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށެވެ. "އީރާނުން ކުރާ ކަންތައްތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ގެއްލުމެއް ނުވާނެ،" ހެސެޓް ވިދާޅުވިއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިންޒާރު ދެއްވާފައިވަނީ އީރާނަށް ދޭ ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވަރުގަދަވާނެ ކަމަށެވެ. މީގެ އިތުރުން، ހަނގުރާމައިގެ މަގްސަދާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ފުރަތަމަ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ފެށި މި ހަނގުރާމައިގެ މިސްރާބު މިހާރު ވަނީ ތެލުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމާ ދިމާލަށް ބަދަލުވެފައެވެ.
ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ ހަނގުރާމައިގެ މަގްސަދުތައް ކޮންމެ ދުވަހަކު ބަދަލުވަމުންދާ ކަމަށާއި، މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ސެނެޓަރ ކްރިސް ވެން ހޮލެން އަލްޖަޒީރާއަށް ވިދާޅުވީ، އެމެރިކާއިން މިވަނީ ނިމުމެއް ނޭނގޭ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް އަތްބާނާފައި ކަމަށެވެ.
ފެބްރުއަރީ 28 އިން ފެށިގެން ދެމުންދާ ހަމަލާތަކުގައި އީރާނުން މިހާތަނަށް 1,444 މީހުން މަރުވެފައިވާއިރު، އެމެރިކާގެ 13 ސިފައިން މަރުވެ 140 އަށްވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފައެވެ. މި ހަނގުރާމައިގެ އަސަރު ލުބުނާނަށާއި ގަލްފުގެ އެހެން ގައުމުތަކަށް ވެސް ދަނީ ކުރަމުންނެވެ.