ޚަބަރު
މިއަހަރު 30 އިންޖީނުގެއެއްގެ މަސައްކަތް ކުރިއަށްގެންދާނެ: ފެނަކަ އެމްޑީ ނަޖާޙް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ފޮޓޯ: ސަން އޮންލައިން
އަލަށް ފަށާ މަޝްރޫޢުތަކާއި އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަސައްކަތްތައް ހިމެނޭހެން، ޖުމުލަ 30 އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.
ނަޖާޙް ވިދާޅުވީ، ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ވިއުގަތައް އަޕްގްރޭޑްކުރުމަށާއި، އިންޖީނުގެތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ރޭވިފައިވާ ކަމަށެވެ.
މިދިޔަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފެނަކައިން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނަޖާޙް ވިދާޅުވީ، 27 ރަށެއްގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކޮށް، 6 ރަށެއްގައި ޓްރާންސްފޯމަރާއި ސަބްސްޓޭޝަން ބަހައްޓާފައިވާ ކަމަށެވެ. މީގެ އިތުރުން 6 ރަށެއްގެ ކަރަންޓު ވިއުގަ މުޅިން އަޕްގްރޭޑްކޮށް، 3 ރަށެއްގައި އަލަށް 4 ޖެނެރޭޓަރު ސެޓް ބަހައްޓާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 37 ރަށެއްގެ އިންޖީނު އޯވަހޯލް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 37 ރަށެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އައު އިމާރާތްތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، 4 ރަށެއްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ބ. ކެންދޫ، ށ. މާއުނގޫދޫ އަދި ގދ. ފިޔޯރީގެ އައު އިންޖީނުގެތަކުގެ މަސައްކަތް ނިމި، ޚިދުމަތް މިހާރު ވަނީ އައު އިމާރާތަށް ބަދަލުކުރެވިފައެވެ. އަދި ރ. ރަސްގެތީމުގެ އައު އިންޖީނުގެވެސް ބޭނުންކުރަން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ނަޖާޙް ވިދާޅުވީ، ކުރީން ފަށާފައިވާ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރި ނަމަވެސް، އޭގެ ތެރެއިން 60 އިންސައްތަ އާއި 70 އިންސައްތަ މަސައްކަތް ނިމިފައިވާ މަޝްރޫޢުތައް އެބަހުރި ކަމަށެވެ.
ވަރަށް ގިނަ މަސައްކަތްތައް ހުއްޓިފައި ހުރި. ކޮންމެހެން ފައްޓަންޖެހޭ މަސައްކަތްތައް އެބަހުރި. ބައެއް ރަށުގައި އިންޖީނުގެ ވަށައިގެން މީހުން ދިރިއުޅޭއިރު، ވަރަށް ގިނަ ދަތިތައް ކުރިމަތިވޭ. ޓުއަރިޒަމް ޒޯންތައް ކައިރީ އެބަހުރި. 30 މަޝްރޫޢުއެއް މިއަހަރު ފަށާނަން. ސަރުކާރުގެ ޢަމާޒެއް މި 30 އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާ، ވީހާވެސް އަވަހަށް ނިންމުން،
ނަޖާޙް
ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނޮޅިވަރަމާއި ހއ. އިހަވަންދޫގެ އާރްއޯ ޕްލާންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި 18 ރަށެއްގެ ފެނުގެ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލަށް 3 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.