ދުނިޔެ

އީރާނުން ހުއްދަ ދިނުމާއެކު އިންޑިއާގެ ދެ އުޅަނދެއް ހޯރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފި

އީރާނުން ހުއްދަ ދިނުމާއެކު އިންޑިއާގެ ދެ އުޅަނދެއް ހޯރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފި

އިންޑިއާގައި ބޭނުންކުރާ ކައްކާ ގޭސް އުފުލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 މާރިޗު 2026، 01:29

16 މާރިޗު 2026، 01:29

އިންޑިއާގެ ދިދަ ޖަހާފައިވާ، ކައްކާ ގޭސް (އެލްޕީޖީ) އުފުލާ ދެ ޓޭންކަރެއް އީރާނުގެ ހޯރްމޫޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.

 މި ދެ އުޅަނދަކީ އިންޑިއާގެ ހުޅަނގު ބަނދަރުތަކަށް ދަތުރުކުރަމުންދާ ދެ އުޅަނދެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސްގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ ހޮނިހިރު ދުވަހު ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "އެ އުޅަނދުތައް މިއަދު ހެނދުނު ހޯރްމޫޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށް، މިހާރު ދަތުރުކުރަމުންދަނީ އިންޑިއާއަށް" ކަމަށެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރު އީރާނުން ހުއްޓުވާފައިވަނީ މިދިޔަ މަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

އިންޑިއާއަށް ދިން ހާއްސަ އިސްތިސްނާއެއް
އީރާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ފަތުޙަލީ ވިދާޅުވީ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ބައެއް އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަކީ މަދުން ނޫނީ ނުދޭ ފަދަ ހާއްސަ އިސްތިސްނާއެއް ކަމަށެވެ. ނަމަވެސް، މިގޮތަށް ހުއްދަ ދެވުނީ ކިތައް އުޅަނދަށް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއާއި އެގައުމުގެ ބައިވެރިންނަށް ބޭނުންވާ އެއްވެސް މުދަލެއް މި ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހު ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި، ގަލްފް ސަރަހައްދުން މުދަލާއި ހަކަތަ އުފުލުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އިންޑިއާއަކީ އީރާނާއެކު ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

ކައްކާ ގޭހުގެ ދަތިކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް
ހަނގުރާމައިގެ ސަބަބުން އިންޑިއާގައި ކައްކާ ގޭހުގެ ދަތިކަން ކުރިމަތިވެފައިވާތީ، ސަރުކާރުން ވަނީ ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ގޭސް ހުސްވިޔަ ނުދިނުމަށްޓަކައި އެލްޕީޖީ އުފައްދާ މިންވަރު އިތުރުކުރުމަށް ރިފައިނަރީތަކަށް ވަނީ އަންގާފައެވެ. އަދި އާންމު ގޭބިސީތަކަށް ބޭނުންވާ ގޭސް ކަށަވަރުކުރުމަށްޓަކައި، ސިނާއީ މަސައްކަތްތަކަށް ވިއްކާ ގޭހުގެ މިންވަރު ވަނީ މަދުކޮށްފައެވެ.

މީގެ އިތުރުން، އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު އަމުރެއްގައި ބުނެފައިވަނީ، ހޮޅި މެދުވެރިކޮށް ގޭސް (PNG) ލިބޭ ކަސްޓަމަރުންނަށް އެލްޕީޖީ ސިލިންޑަރު ގެންގުޅުމާއި ރީފިލް ކުރުން މަނާކޮށްފައިވާ ކަމަށެވެ. މިއީ ގައުމުގެ 333 މިލިއަން ގޭބިސީއަށް ބޭނުންވާ ގޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450