ދުނިޔެ
ހުޅަނގު އައްސޭރީގެ ތޫބާސްގައި އިސްރާއީލް ސިފައިން ފަލަސްތީނުގެ އެއް އާއިލާއެއްގެ ހަތަރު މީހުން ޝަހީދުކޮށްލައިފި
އިސްރާއިލުން ޝަހީދުކޮށްލި ފަލަސްތީނުގެ އާއިލާ
އިސްތިއުމާރީ އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ ތައްމޫން އަވަށުގައި ދިން ހަމަލާއެއްގައި، ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އިސްރާއީލް ސިފައިން ބަޑިޖަހާފައިވަނީ އެ އާއިލާ ދަތުރުކުރަމުންދިޔަ ކާރަށެވެ. މި ހަމަލާގައި ޝަހީދުވެފައިވަނީ މަންމައާއި ބައްޕަގެ އިތުރުން އެމީހުންގެ ދެ ކުދިންނެވެ. މީގެ އިތުރުން އެ އާއިލާގެ އެހެން ދެ ކުއްޖަކު ވަނީ ޒަޚަމްވެފައެވެ.
ތޫބާސްގައި ހުންނަ ތުރުކީ ގަވަރްންމަންޓް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، ޝަހީދުވި ހަތަރު މީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެވުނުއިރު، އެއީ އެއް އާއިލާއެއްގެ މެންބަރުންކަން ވަނީ ކަށަވަރު ކުރެވިފައެވެ. މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 37 އަހަރުގެ އަލީ ޚާލިދު ސާއިލް ބަނީ އޫދާ (ބައްޕަ)، 35 އަހަރުގެ ވައުދު އުސްމާން އަކްލް ބަނީ އޫދާ (މަންމަ)، 7 އަހަރުގެ އުސްމާން އަލީ ޚާލިދު ބަނީ އޫދާ އަދި 5 އަހަރުގެ މުހައްމަދު އަލީ ޚާލިދު ބަނީ އޫދާއެވެ.
ޑޮކްޓަރުންގެ ރިޕޯޓްތަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނީ، އާއިލާގެ ބައްޕަގެ ބޮލަށާއި، މޫނަށާއި، މޭމަތީގެ އިތުރުން ވާތަށް ވަޒަން އަރާފައިވާ ކަމަށެވެ. އަދި މަންމަގެ މޫނަށާއި ބޮލަށް ބަޑިޖަހާފައިވާއިރު، ޝަހީދުވި ދެ ކުދިންގެ ބޮލަށާއި މޫނަށްވެސް ވަނީ ސީދާ އަމާޒުކޮށް ބަޑިޖަހާފައެވެ. މި ހަމަލާ ދީފައިވަނީ ތޫބާސްގެ އިރުދެކުނުން އޮންނަ ތައްމޫން އަވަށުގައި އެމީހުން ދަތުރުކުރި އުޅަނދަށް އަމާޒުކޮށްގެންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހު ޣައްޒާގައި އިސްރާއީލުން ފެށި ގަތުލުއާންމާ ގުޅިގެން، ހުޅަނގު އައްސޭރީގައިވެސް އިސްރާއީލް ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރިން އެކަނިވެސް 1,127 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މީގެ އިތުރުން، މި މުއްދަތުގައި 11,700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިސްރާއީލް ސިފައިން ވަނީ 22,000 އެއްހާ ފަލަސްތީނު މީހުން ރަހީނުކޮށްގެން ގެންގޮސްފައެވެ. އިސްރާއީލް ސިފައިންނާއި ވަޒަންވެރިން ދަނީ ފަލަސްތީނު މީހުންގެ ގެދޮރަށާއި، އުމްރާނީ ވަސީލަތްތަކަށާއި، ދަނޑުބިންތަކަށް އަމާޒުކޮށް މެދުނުކެނޑި ހަމަލާދެމުންނެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ވަނީ މަޖުބޫރުވެގެން ގެދޮރު ދޫކޮށް ދާންޖެހިފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ގޮތުގައި ހުޅަނގު އައްސޭރިއާއި ގުދުސްއަކީ ފަލަސްތީނުގެ ބިންތަކެއް ނަމަވެސް، އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެ ސަރަހައްދުތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރަމުންނެވެ.