ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ފިނި އިޖާބައެއް
ހޮރްމޫޒް ކަނޑުއޮޅީގެ ސަރަހައްދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒް ކަނޑުއޮޅި "ހުޅުވާފައި ބޭއްވުމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށް" އެމެރިކާގެ ކަނޑުގެ ސިފައިންނާއެކު އެހެން ގައުމުތަކުގެ މަނަވަރުތައް ފޮނުވުމަށް ކުރެއްވި އިލްތިމާސަށް ބައިނަލްއަގުވާމީ މުޖުތަމައުން މާބޮޑު ތަރުހީބެއް ނުލިބި، ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި ސަރަހައްދުގެ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.
ރައީސް ޓްރަމްޕްގެ ޓްރުތް ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާ، ފަރަންސޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް މިކަމުގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިއަކީ ބިރަކަށް ނުވާނެ ގޮތް ހެދުމަށް އެ ގައުމުތަކުން މަނަވަރުތައް ފޮނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ޗައިނާއަކީ މިކަމުގައި ބިނާކުރަނިވި ބައިވެރިއަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް، ގައުމުތަކުން މިހާތަނަށް އެއްވެސް ވައުދެއް ވެފައެއް ނުވެއެވެ. އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ، ހަކަތައިގެ ސަޕްލައި މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށާއި، މަސްރަހު ފިނިކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މުއާމަލާތްތައް ވަރުގަދަ ކުރާނެ ކަމަށެވެ. އީރާނުން ބުނަމުންދަނީ ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއާއި އޭގެ ބައިވެރިން ފިޔަވައި އެހެން ހުރިހާ ގައުމުތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސީބީއެސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ގިނަ ގައުމުތަކަކުން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދައަށް އެދެމުންދާ ކަމަށާއި، އެކަމުގައި ގޮތެއް ނިންމާނީ އީރާނުގެ އަސްކަރިއްޔާއިން ކަމަށެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 10 ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ރިޕޯޓްކުރެއެވެ.
މިހާރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރާފައިވާއިރު، ގާތްގަނޑަކަށް 1,000 ތެޔޮ ޓޭންކަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުނުކުރެވި ވަނީ ތާށިވެފައެވެ. ސްޓިމްސަން ސެންޓަރުގެ ބާބަރާ ސްލޭވިން ވިދާޅުވި ގޮތުގައި، ޗައިނާއިން އެމެރިކާއަށް އެހީވުމަށް މަނަވަރުތައް ފޮނުވާނެ ކަމަށް ބެލުމަކީ ދުރުކަމެކެވެ. ސަބަބަކީ އީރާނުގެ ތެޔޮ އެއްވެސް ހުރަހެއް ނެތި ޗައިނާއަށް ލިބެމުންދާތީއެވެ. އީރާނުން ހުރަސްއަޅަނީ ހަމައެކަނި އެމެރިކާއާއި އިސްރާއީލާ ގުޅުން އޮންނަ އުޅަނދުތަކަށެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވަނީ މި މައްސަލައިގައި ރައީސް ޓްރަމްޕާ މަޝްވަރާ ކުރައްވާފައެވެ. ފަރަންސޭސިވިލާތުން ބުނެފައިވަނީ އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ބައިނަލްއަގުވާމީ މިޝަނެއްގައި ބައިވެރިވުމަށް ވިސްނާނީ ހަނގުރާމައިގެ ހާލަތު ކުޑަކޮށް މަޑުޖެހުމުން ކަމަށެވެ.