Ads by PNC

ޚަބަރު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓަރމިނަލާއި ހަމައަށް ހޮނިހިރުދުވަހު ފަޅު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓަރމިނަލާއި ހަމައަށް ހޮނިހިރުދުވަހު ފަޅު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ހަދާ ނިމިފައިވާ ސަރަޙައްދު ފޮޓޯ : އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 މާރިޗު 2026، 02:49

16 މާރިޗު 2026، 02:49

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގެ ފަޅު ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ސަރަހައްދުގެ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން މަސައްކަތް ކުރިއަށްދާނީ ބައިބަޔަށް ބަހާލައިގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. މި ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެއެވެ. އެއަށްފަހު، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަސްވެރިންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާ ހަމައަށް ބަންދުކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި 5 ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17 ގައެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުނުކުރުމަށާއި، ދާއިމީކޮށް އުޅަނދުތައް އަޅާފައި ނުބޭއްވުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މީގެކުރިން ވިދާޅުވެފައިވަނީ، ރަސްމީ ޖެޓީން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް ރޯދަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ. އަދި ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ މެއި މަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރުވެސް ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި ވަނީ ބޭނުންކުރަން ފަށާފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ވަނީ ލިބިފައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 455 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މުހިންމު މަޝްރޫއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450