Ads by PNC

ޚަބަރު

އެމްޑީޕީ މެޖޯރިޓީ އޮތް މުރައިދޫ ކައުންސިލުން ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްކުރީ ރޭވުމެއްގެ ތެރެއިން: ޝުޖާއު

އެމްޑީޕީ މެޖޯރިޓީ އޮތް މުރައިދޫ ކައުންސިލުން ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްކުރީ ރޭވުމެއްގެ ތެރެއިން: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

farudhun logo

ފަރުދުން

16 މާރިޗު 2026، 11:04

16 މާރިޗު 2026، 11:04

އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ އޮތް ހއ. މުރައިދޫ ކައުންސިލުން އެ ރަށު ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްކުރީ ރޭވުމެއްގެ ތެރެއިންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތުޙުމަތުކުރައްވައިފިއެވެ.

މި މަޢުޟޫގައި ޝުޖާއު ފޭސްބުކްގައި ޚިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުރައިދޫގެ ޒުވާނުންގެ އެދުމަށް އެ ރަށުގައި ސަރުކާރުން ތަރައްޤީ ކުރުމަށް މަސައްކަތްކުރި ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެ ރަށު ކައުންސިލްގައި ސިޓީއަކުން އެދުމުން، އެ ސިޓީއަށް ކައުންސިލް އިދާރާއިން އިޖާބަ ނުދީ 7 މަހަށް ވުރެ ގިނަ ދުވަސްވަންދެން ބޭއްވިކަމަށެވެ. 

ޒުވާނުންނާއެކު އަޅުގަނޑަށް ބައްދަލުވި ބައްދަލުވުމެއްގައި ޒުވާނުން އެދިވަޑައިގެންނެވީ މިހާރު ރަށުގައި އޮތް (އަޅުގަނޑުގެ ފުރަތަމަ ދައުރުގައި އެޅި) ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ ބަދަލުގައި ރަށުގައި ސައިޒުން ބޮޑު އައު ފުޓްސަލް ދަނޑެއް އަޅައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދެންނެވުމަށެވެ. އަޅުގަނޑު އެކަމަށް އެދި ރައީސް އަރިހުގައި ދެންނެވި ހަފްތާގައި އެކަން ކުރުމަށް ސަރުކާރުން ނިންމައި، މުރައިދޫގައި ފުޓްސަލް އައު ދަނޑެއް އެޅުމަށް ބޭނުންވާ ބިން ހަމަޖައްސްވައި ދެއްވުން އެދި މުރައިދޫ ކައުންސިލުގައި 03 ޖޫން 2025 ގައި އެދުނެވެ.  

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ޕޯސްޓުގައި ވެއެވެ.

ސަރުކާރުން މިކަން ނިންމައި، އައު ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށްފަހު އެ ދަނޑަށް ބޭނުންވާ ޓާފުވެސް އެ ރަށަށް ވަނީ ގެންގޮސްފައެވެ.

ނަމަވެސް އައު ޓާފު ދަނޑެއް އަޅާނެ ޖާގަ އެ ރަށު ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައި ނެތުމުން، އެ ޕްލޭނަށް ބަދަލު ގެނައުމުގެ ޙުއްދަ ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ކައުންސިލުން އެދުނީ 03  ޖޫން 2025 ގައި ކަމަށާއި، އެހާ ގިނަ ދުވަސްވަންދެން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަށް އަޅާނުލައި ބޭއްވީ، އެ މަސައްކަތް ލަސްކުރުމުގެ މަޤުސަދުގައިކަމަށް ވިދާޅުވެ، ޝުޖާއު ވަނީ މުރައިދޫ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

މިއީ ސަރުކާރުން ފޮނުވި ސިޓީ ފޮރުވާފައި ބޭއްވުމަށް ފަހު ފޮނުވި ސިޓީއެކެވެ. ލޭންޑް ޔޫސް ޕްލޭންގައި ބިން ހިމެނިފައި ނެތްކަން މުރައިދޫ ކައުންސިލަށް 226 ދުވަސް ފަހުން އެނގުމަކީ ކިހާ ބޮޑު އަޖައިބެއްތޯއެވެ؟މިކަމުން ހާމަވެގެން ދިޔައީ ޒުވާނުންގެ އެދުމަށް ސަރުކާރުން ފުޓްސަލް ދަނޑު އެޅުމަށް ފަށާފައިވާ މަސައްކަތައް ކައުންސިލުން ހުރަސް އަޅާކަމެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ޕޯސްޓުގައި ވެއެވެ.

ޝުޖާޢު ވިދާޅުވީ، ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢު ތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުންދާކަން އެބޭފުޅާއަށް 14 މާރޗް 2026 ވަނަ ދުވަހު އެނގުނު ހިސާބުން ފަށައިގެން ކުރި މަސައްކަތުން، ކައުންސިލުން މާލީ ވުޒާރާގައި ހޯދުމަށް އެދުނު ޙުއްދަ، 16 މާރޗް 2026 ވަނަ ދުވަހު ހޯދާދީފައިވާނެކަމަށް ވަނީ ވިދާޅުވެފައެވެ. 

އަދި ބިމުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ކީއްވެތޯ އަޅުގަނޑު 14 މާރޗް 2026 ވަނަ ދުވަހު ކައުންސިލުން ސާފުކުރުމުން އަޅުގަނޑަށް 14 ޖެނުއަރީ 2026 ވަނަ ދުވަހު ކައުންސިލުން ފޮނުވި ސިޓީގެ މަޢުލޫމާތު ލިބުނެވެ.14 މާރޗް 2026 ވަނަ ދުވަހު އަޅުގަނޑު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ގުޅައި މުރައިދޫ ކައުންސިލަށް ލޭންޑް ޔޫސް ޕްލޭން (LUP)އަށް ބަދަލު ގެނައުމުގެ ހުއްދަ އަށް އެދުނީމެވެ. 16 މާރޗް 2026 ވަނަ ދުވަހު ވާނީ މުރައިދޫ ކައުންސިލަށް އެހުއްދަ ހޯދައި ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ޕޯސްޓުގައި ވެއެވެ.

މިހެންކަންތައް ދިމާވެފައިވުމުން، އެމްޑިޕީ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން މިފަދަ ކަންކަން ނުކުރުމަށް ޝުޖާއު ވަނީ އިލްތިމާސްކުރައްވާފައެވެ. 

އަދި މިފަދަ ސަބަބުތަކާ ހެދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަންޖެހޭކަމަށް ޝުޖާޢު ވަނީ ވިދާޅުވެފައެވެ.

ފެބުރުވަރީ މަހުގެ 26ވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ---

ސަރުކާރާ އިދިކޮޅު ފިކުރުގެ ކައުންސިލްތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން، ރާއްޖޭގެ 57 ރަށެއްގައި ސަރުކާރުން ފަށަން ގަސްތުކުރި މަޝްރޫއުތައް ނުފެށި ހުއްޓިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ މަހުގެ 26ވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްޤީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވި ނަމަވެސް، ބައެއް ކައުންސިލްތަކުގެ ފަރާތުން ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން އެކަން ނުވެފައިވާ ކަމަށެވެ. މިއީ ސަރުކާރާ ސިޔާސީ ގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭ ކައުންސިލްތަކުން ކުރަމުންދާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ ކައުންސިލްތަކުން ކުރިމަތިކުރާ ހުރަސްތަކުގެ ތެރެއިން އެންމެ މިސާލެއް ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބި އެތައް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450