ޚަބަރު
ރީޖަނަލް އެއަރޕޯޓްސް އާއި އެމްއޭސީއެލް އެއްކޮށްލުމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެ: ވަޒީރު ސަޢީދު
އިޤްތިޞާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ރީޖަނަލް އެއަރޕޯޓްސް އާއި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ އެއްކޮށްލުމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރީޖަނަލް އެއަރޕޯޓްސް އާއި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ އެއްކޮށްލުމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ދެކުންފުނިން އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރެވިގެން ދާނެކަމަށެވެ.
ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ނިންމަވާފައެވެ. މި ނިންމެވުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރީ-ފޯރމްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުން ނުވަތަ މާޖްކޮށްލުންކަމަށެވެ. އަދި މި ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ 31 ޖެނުއަރީ 2025 އަށް ކަމަށެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މި ދެ ކުންފުނި މާޖްކޮށްލުމުގެ މަސައްކަތް ކުރިއަށްދާނީ ކޯރޕަރޭޓް ގަވަރނަންސް އުޞޫލުގެ ތެރެއިންކަމަށެވެ. އަދި ސަރުކާރުގެ މި ނިންމެވުމާއެކު އެތައް ގުނައަކުން ޚަރަދު ކުޑަކުރެވި، ދެ ކުންފުންޏަށްވެސް އޭގެ ހެޔޮ އަސަރުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަމައެކަނި ރެންޓަށް ވިސްނާލިޔަސްވެސް ހިންގުމުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދިޔައީ. އެމްއޭސީއެލްއަކީ ވަރަށް ބޮޑަށް ފައިދާވެސް ވާ ކުންފުންޏެއް، ހަމައެއާއެކު ވަރަށް ބޮޑު ޒިންމާއެއްވެސް ނަގާ ކުންފުންޏެއް. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި. އެހެންވީމަ އެކުންފުނީގައި އެބަހުރި ވަރަށް ގިނަ އެހެން ޓެލެންޓްތައް އަޅުގަނޑުމެންނަށް ރީޖަނަލް އެއަރޕޯޓްސްތަކަށް އިތުރު ރެކްރޫޓްސް ނުހަދާ ބޭނުންކުރެވޭނެ ޓެކްނިކަލް ލެވެލްއެއްގައި." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ނިންމެވުމުގެ ސަބަބުން ދެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްކަށްވެސް އެއްވެސް ބުރުލެއް ނާންނާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތްތައް އިތުރަށް ހަރުދަނާވެ އެފިޝަންޓްވެގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންގުޅުއްވާ އިކޮނޮމިކް ރިފޯމްކުރުމުގެ މަސައްކަތްތަކަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކްފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ މަސައްކަތްތަކެއްކަމަށެވެ.