ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވާން ފަށައިފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވާން ފަށައިފި

ހޮރްމޫޒް ކަނޑުއޮޅީގެ ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މާރިޗު 2026، 03:43

18 މާރިޗު 2026، 03:43

އީރާނުން ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ ވިޔަފާރި އުޅަނދުތަކުގެ އަދަދު މަޑުމަޑުން އިތުރުކުރަމުންދާ ކަމަށް އުޅަނދުތައް ޓްރެކްކުރާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެރިޓައިމް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ވިންޑްވާޑުން ބުނި ގޮތުގައި، އީރާނުގެ ދިދަ ނުޖަހާ އަށް އުޅަނދެއް ހޯމަ ދުވަހު އެ ސަރަހައްދުން ދަތުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ވިންޑްވާޑްގެ އެނަލިސްޓް މިޝޭލް ވީސް ބޮކްމަން ވިދާޅުވީ، އީރާނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރުވަމުންދަނީ އީރާނާ ރަހުމަތްތެރި ގައުމުތަކަށް އެ ގައުމުން ހުއްދަ ދެމުންދާތީ ކަމަށް ބެލެވޭ ކަމަށެވެ. "ހުޅަނގުގެ ގައުމުތަކާ ގުޅުންހުރި އުޅަނދުތައް އަމިއްލައަށް އީރާނުގެ ކަނޑުގެ ސަރަހައްދަށް ނުވަންނާނެ، ނަމަވެސް ޗައިނާ، އިންޑިއާ އަދި އެހެން ގައުމުތަކުގެ އުޅަނދުތައް ވަނުމަކީ އެކަށީގެންވާ ކަމެއް،" ބޮކްމަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ތެޔޮ ސަޕްލައިއަށް ކުރި އަސަރު
ދުނިޔޭގެ ތެޔޮ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ މި ކަނޑުއޮޅީގެ ދަތުރުފަތުރު، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވަނީ 95 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ.

އީރާނުގެ ސިޔާސަތު
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހޯމަ ދުވަހު ވިދާޅުވީ، ކަނޑުއޮޅި އޮތީ "ހުޅުވިފައި، ނަމަވެސް އަހަރެމެންގެ ދުޝްމަނުންނަށް ބަންދުވެފައި" ކަމަށެވެ. މިއީ އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ރޯކޮށްލާނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކުރިން ދީފައިވާ އިންޒާރާ ގުޅިގެން ދެއްވި ބަހެކެވެ.

އެމެރިކާގެ ރައްދު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ކަނޑުއޮޅީގެ ދަތުރުފަތުރު ހުޅުވުމަށް އެމެރިކާއަށް އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންނުވާ ކަމަށެވެ. އަދި ނޭޓޯގެ ބައިވެރިން މިކަމުގައި އެހީތެރިނުވާތީ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ. "އަހަރެމެން އެމީހުންނަށް އެހާ ބޮޑަށް އެހީތެރިވާއިރުވެސް، އެމީހުން އަހަރެމެންނަށް އެހީވާން ބޭނުންނުވުމަކީ ހައިރާންވާ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ މިސައިލް ސައިޓްތަކަށް 'ބަންކަރ ބަސްޓަރ' ބޮން އަޅާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އެ ސައިޓްތަކުގައި ހުރި އީރާނުގެ އެންޓި-ޝިޕް ކްރޫޒް މިސައިލްތަކަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ނުރައްކަލެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450