ދުނިޔެ
ލާރިޖާނީ އަވަހާރަކޮށްލުމުން އީރާނުގެ ސިޔާސީ ނިޒާމަށް ލޮޅުމެއް ނާރާނެ: ޚާރިޖީ ވަޒީރު
އަލީ ލަރިޖާނީ
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ އިސްރާއީލުން އަވަހާރަކޮށްލި ނަމަވެސް، އީރާނުގެ ވެރިކަމުގެ ނިޒާމަށް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އީރާނުގެ ސަރުކާރަކީ އެންމެ ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ނޫންކަން އެމެރިކާއާއި އިސްރާއީލަށް އަދިވެސް ފަހުމްނުވާ ކަމަށެވެ. "އިސްލާމީ ޖުމްހޫރިއްޔާގައި އޮތީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ މުއައްސަސާތައް ހިމެނޭ ވަރުގަދަ އޮނިގަނޑެއް. އެންމެ މީހަކު ހުރުމަކުން ނުވަތަ ނެތުމަކުން މި ނިޒާމަކަށް އަސަރެއް ނުކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށް އިޝާރާތް ކުރައްވައި އަރަގްޗީ ވިދާޅުވީ، އެއީ ގައުމަށް ލިބުނު ބޮޑު ހިތާމައެއް ނަމަވެސް ނިޒާމު ހުއްޓުމެއް ނެތި ކުރިއަށް ދިޔަ ކަމަށެވެ. އަދި އެންމެ މަތީ ވެރިޔާ އަވަހާރަވުމުންވެސް ވަގުތުން ބަދަލުގައި އެހެން ބޭފުޅަކު އައްޔަންކުރެވުނު ކަމަށާއި، އެހެން ކޮންމެ މަގާމެއްގެ ބޭފުޅަކު އަވަހާރަވިޔަސް ކަން ހިނގާނީ އެގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުމުރުން 67 އަހަރުގެ ލާރިޖާނީ އަވަހާރަކޮށްލާފައިވަނީ ހޯމަ ދުވަހުގެ ރޭ ދިން ހަމަލާއެއްގައެވެ. މީގެ އިތުރުން، އީރާނުގެ ބާސިޖް ފޯސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޣުލާމްރެޒާ ސުލައިމާނީވެސް "އެމެރިކާ-ޒަޔަނިސްޓް" ހަމަލާއެއްގައި އަވަހާރަވެފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ސުލައިމާނީއަކީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
މިކަމާ ގުޅޭގޮތުން އަލްޖަޒީރާގެ ސިޔާސީ އެނަލިސްޓް މަރުވާން ބިޝާރާ ވިދާޅުވީ، ސިޔާސީ ލީޑަރުން އަވަހާރަކޮށްލުމަކީ ހަނގުރާމައިގެ އާންމު އުސޫލެއް ނޫން ކަމަށާއި، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އެންމެ ލީޑަރަކު އަވަހާރަކޮށްލުމުން އީރާނުގެ ނިޒާމު ފުނޑުފުނޑު ނުވި ނަމަވެސް، މިފަދަ އަމާޒުކޮށްގެން ދޭ ހަމަލާތަކުގެ ސަބަބުން ވަގުތީ ގޮތުން ބަދަލުތަކެއް އަތުވެދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.